މަސްދަތުރު ދިޔަ ޒުވާނުން ދޯނީގައި (ފޮޓޯ- މީސްމީޑިއާ)
މަސްދަތުރު ދިޔަ ޒުވާނުން ދޯނީގައި (ފޮޓޯ- މީސްމީޑިއާ)
މިމަހުގެ 11 ވަނަ ދުވަހުގެރޭ ވ. އަންބަރާ އަށް މަސްދަތުރުދިޔަ 95 މީހުންނާ މެދު ފުލުހުން ކަންތައްތައް ކޮށްފައިވާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމިޓީން) ބަލަން ނިންމައިފިއެެވެ.

އެ މައްސަލަ ބަލައިދިނުމަށް އެ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ. އެމްޑީޕީގެ މެންބަރުން މިމައްސަލަ ބެލުމުގެ ވާހަކަ ދައްކަވަން މިފެށީ މަހަށް ދިޔަ ގްރޫޕްގައި ހިމެނޭ ޒުވާނުން އެކަމާގުޅިގެން މީސްމީޑިއާގައި ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

އެ މައްސަލަ ބެލުމަށް އެދި މެންބަރުން ކޮމިޓީއަށް ފޮނުއްވި، ސިޓީގައި ބުނެފައިވަނީ، މިމަހުގެ 11 ވީ ބުރާސްފަތި ދުވަހު ހެންވޭރު ޒުވާނުން، އޯވަ ނައިޓް މަސް ދަތުރުގައި އަންބަރާއަށް މަޑުކޮށް އެރަށުގައި ތިއްބާ ފުލުހުން އެރަށަށް އަރައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ޒުވާނުންނަކީ، އެ މެންބަރުން ނިސްބަތްވާ ދާއިރާގެ ޒުވާނުންނަށްވާތީ އެ މައްސަލަ ބަލަން ހުށަހެޅުމަކީ އެ މެންބަރުންގެ ޒިންމާއެއް ކަމަށެވެ.

އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް އެ ސިޓީގައި ފުރަތަމަ ކަމަކަށް ފާހަގަ ކޮށްފައި ވަނީ، އެ ރަށަށް ފުލުހުން އެރީ ކޯޓު އަމުރެއްގެ ދަށުން ޑްރަގް ރެއިޑެއްކުރަން ކަމަށް ބުނި ނަމަވެސް ކޯޓު އަމުރު ނުދައްކާ ކަމަށާ، ޑްރަގަށް ތުހުމަތު ކުރެވޭ އެއްވެސް އާލާތެއް ފެނިފައި ނުވާއިރު އެރަށުގައި އެމީހުން ރަހީނުކޮށް ފޯނު ބޭނުންކުރުން މަނާކޮށް، ބޭތިއްބުމަށްފަހު ރަށުން ފައިބާން އެންގި ސަބަބު ބެލުމަށް ސިޓީގައި ހިމަނާފައިވެއެވެ.

އަދި ފުލުހުން އެއްވެސް ހުރަހެއް ނެތި ސްޓޭންޑް ގްރެނެއިޑް ކަމަށް ބެލެވޭ ގޮވާތަކެތި ބޭނުންކޮށް ރަށަށް އެރި ސަބަބު ބަލައި ދިނުމަށާއި، 18 އަހަރު ނުފުރޭ ކުޑަކުދިން ތިއްބައި، ގޮވާތަކެތި ބޭނުންކޮށްގެން ރަށަށް އެރި މައްސަލަ ބަލައިދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން ޑްރަގް ރެއިޑެއް ކަމަށްބުނެ ރެއިޑް ކުރުމަށްފަހު އެޗްޕީއޭގެ ގައިޑްލައިނާ ހިލާފު ވެފައިވާ ކަމަށްބުނެ ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވާ މައްސަލަ ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި އެމީހުން ރަށުން ފައިބައިގެންދާން އަމުރުކުރި މައްސަލަ ބަލައި ދިނުމަށްވެސް އެ ސިޓީގައި އެދިފައިވެއެވެެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ މައްސަލަ ބަލައި 15 އޭޕްރީލްގެ ކުރިން ނިންމުމަށް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން