މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭން މަޝްވަރާކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ދުނިޔޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ މަދު ޤައުމުތަކެއްގައި ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ޤައުމުތަކަކީ މަސްވެރިކަން ކުރާ ޤައުމުތަކެއްވެސް ނޫންކަމަށެވެ.

ޒަހާ ވިދާޅުވީ މިޔަރުގެ މަސްވެރިކަމަކީ އިޤްތިސާދަށް ފައިދާކުރާނެކަމަކަށްވާއިރު މި މަސްވެރިކަމަށް އަލުން ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށެވެ. ޒަހާ ވިދާޅުވީ މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލަން ވިސްނަނީ މެނޭޖް ފިޝަރީއެއްގެ ގޮތުގައިކަމަށެވެ. އަދި މެނޭޖް ފިޝަރީއަކީ ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުންނުވާ ގޮތަށް މަންފާ ހޯދުންކަމަށް ޒަހާ ވިދާޅުވިއެވެ.

ރާއްޖޭގައި 1970ގެ އަހަރުތަކުގެ ތެރޭގައި ފެށި މިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާކުރީ 2010 ވަނަ އަހަރުއެވެ. ނަމަވެސް މިޔަރުގެ އާބާދީ އިތުުރުވެ މިޔަރުގެ ސަބަބުން އުނދަގޫވާކަމަށް ބުނެ މަސްވެރިން އަންނަނީ ވަރަށް ބޮޑަށް ޝަކުވާކުރަމުންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާވެސް ވަނީ މިޔަރަކީ އެހެން ކަނޑުގެ ދިރުންތައް ޝިކާރަކުރާ މަހަކަށްވާއިރު، އޭގެ އާބާދީ އިތުރުވުމަކީ ކަނޑުގެ އެހެން ދިރުންތަކަށް އަސަރުކުރާ ކަމެއްކަން ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން