ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ހާޒިރުކޮށް ދާއިރާތަކާއި ގުޅުންހުރި މައްސަލަތަކުގެ ސުވާލު ކުރުމުން އެސުވާލުތަކުގެ ޖަވާބު ރަށްވެހި ފަތިހުން ހޯދަން ނުޖެހޭނެކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ރައްދެއް ދެއްވައިފިއެވެ.

ހައުސިންގް މިނިސްޓަރ އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި އިބްރާހިމް ޝަރީފް ވަނީ މަރަދޫގެ މަގު ހެދުމާއި، ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މިސުވާލުތަކުގެ ޖަވާބު ދެއްވަމުން ވަޒީރުވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ޓެންޑާ ކުރެވިފައިވާކަމަށާ މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.

އަސްލަމް ވަނީ ރަށްރަށުގެ މަޝްރޫޢުތަކުގެ މައުލޫމާތު ރަށްވެހި ފަތިސް ޕްރޮގުރާމުގައި ދެއްވަމުންދާކަމުގައި ވެސް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ މަޝްރޫޢުތަކުގެ މައުލޫމާތު ވަރަށް ސާފުކޮށް އެ ޕްރޮގުރާމުގައި ހާމަކޮށް ދެއްވަމުންކަމުގައި އަސްލަމް ވިދާޅުވީ.

އަސްލަމްގެ މިވާހަތަކަށް ތާއީދުކުރައްވާ މަޖިލިސް ރައީސް ވަނީ ހުރިހާ ބޭފުޅުންވެސް އެރަށެއްގެ ކަންކަމާއި ގުޅިގެން ދެއްވާ މައުލޫމާތުތައް ބަލައި އަޑު އެއްސެވުމާއެކު ނޫސްތައް ކިޔުމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ މިވާހަކަފުޅާއެކު މެމްބަރ ޝަރީފް ރުޅިގަދަވެ މަޖިލީހުގައި އަޑު ގަދަ ކުރައްވައި ވިދާޅުވީ މަޖިލީހަށް ވަޒީރުން ހާޒިރު ކުރަނީ ރަށްވެހި ފަތިހުން ޖަވާބު ހޯދުމަށް ނޫންކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ރިޔާސަތުގައި އިންނަވައިގެން އޭނާއަށް "ބުލީ ކުރުމަކީ" މުޅި ދާއިރާގެ ރައްޔިތުންނަށް ބުލީ ކުރުން ކަމަށެވެ.

"މަރަދޫ ދާއިރާގެ މެމްބަރަށް ބުލީ ކުރުމަކީ އެއީ އެއްގޮތަކަށްވެސް އަޅުގަނޑު އިބްރާހިމް ޝަރީފަށް ރައްދުވާ ކަމެއްނޫން. އެއީ މުޅި ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ކުރައްވާ މަލާމަތެއް." ޝަރީފް ވިދާޅުވިއެވެ.

މެންބަރު ޝަރީފާއި ރައީސް ނަޝީދާއި ދެމެދު މިފަދަ ދެބަސްވުންތައް ހިނގުމަކީ މިފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. މިފަދަ ދެބަސްވުން ތަކުގައި ޝަރީފު ތަޅުމުން ނެރުއްވާފައި ހުރިކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން