ޕެރޯލް ބޯޑުގެ މެމްބަރުން ތިބީ ޤާނޫނީ ގޮތުން ވަރަށްބޮޑު ނުރަގަނޅު ކަމެއްގެ ތެރޭގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިންމަފުށި އައްސޭރި ޖަލުގައި ތިބި އަޚްލާގު ރަނގަޅު ޤައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، ޚާއްސަ އުސޫލެއްގެ ދަށުން، އެފަދަ މީހުންނަށް މަޢާފު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އައްސޭރި ޖަލުގައި ތިބި ޤައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް އެކޮމިޓީން ނިންމިގޮތުގެ ރިޕޯޓްގައި، ކުށްކުރާ މީހުންނަކީ ޖަލުގައި ބަންދުކޮށް މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، ކުދިކުދި ކުށްކުރާ މީހުން “ނޮން ކަސްޑޯޑިއަލް ސެންޓެންސް” ގެ ދަށުން، މުޖުތަމައަށް ބޭނުންތެރި ޚިދުމަތެއް ކުރުމަށްފަހު އެކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށާއި އެކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާގުޅޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ރިޕޯޓްގައިވެއެވެ.

އައްސޭރި ޖަލުގައި ތިބި ގައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ހުށަހަޅާފައިވާ ޕެޓިޝަނުގެ މައްސަލަ ދިރާސާކޮށް އެކޮމިޓީން ނިންމިގޮތުގެ ރިޕޯޓްގެ ބަހުސް މަރުހަލާގައި މެންބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޕެރޯލް ބޯޑަކީ އެތައް ބައެއްގެ ހައްގު އެކުލެވޭ ގޮތަށް އެކަށައެޅިފައިވާ ބޯޑެއްކަމަށާ ޖަލުތައް ފުރި ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ޕެރޯލް ޤާނޫނުގެ ތެރެއިން ގައިދީންނަށް ލިބިދޭ ހައްގު ނުދީ ހިފެހެއްޓުމަކީ ޕެރޯލް ބޯޑަށް އޮތް އިހުތިޔާރެއް ނޫންކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ބޯޑުން އެންމެ 14 ބައްދަލުވުން ބާއްވާފައިވުމީ ބޯޑުގެ މަސައްކަތް ކުރެވިފައިވާ މިންވަރު ހާމަވާކަމެއްކަމަށާ ޕެރޯލް ބޯޑުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ބިޒީވެ ބައްދަލުވުން ނުބޭއްވޭކަމަށް ދައްކަވާ އުޒުރަކީ ވަރަށް ތާކުންތާކު ނުޖެހޭ އުޒުރެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ޕެރޯލް ބޯޑުގައި މިތިއްބެވި ނުވަ ބޭފުޅުން މިތިބީ ޤާނޫނީ ގޮތުން ވަރަށްބޮޑު ނުރަނގަޅު ކަމެއްގެ ތެރޭގައި. ދެން އެއީ ކުށެއްތޯ އުގޫބާތެއް އެބޭފުޅުންނަށް އަންނާނެތޯ، މިބާވަތުގެ ކަމެއް ޖެހޭނީ ޝަރުޢީ ދާއިރާގެ ބޭފުޅުން ޤާނޫނީ ބޭފުޅުން އޮޅުން ފިލުވައިގެން ޕެރޯލް ބޯޑުގެ މައްޗަށް، 3،000 އެތައް މީހަކު ތިބީ ޖަލުގައި." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޤައިދީންނަށް ލުއި ގޮތެއް ހޯދައިދިނުމަށް އާއިލާތަކުން މަޖިލިސް މެންބަރު ކައިރީގައި އެދެމުންދިޔަ ނަމަވެސް މިކަން ކުރެވެން އޮންނަނީ ގާނޫނީ ބާރު ދީފައިވާ ޕެރޯލް ބޯޑަށްވާއިރު އެބޭފުޅުން އެކަން ނުކޮށްދެއްވާހާ ހިނދަކު ގައިދީންނަށް ލުއި ދޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ޕެރޯލް ބޯޑުގެ މެމްބަރުންނާމެދު ޤަނޫނީ ގޮތުން ދައުވާ ކުރުމަށް ނުވަތަ އެނޫން ގޮތަކަށް އަމަލު ކުރެވިދާނެތޯ ސާފުކުރަން ވެއްޖެ ކަމަށެވެ. ނަމަވެސް ޔަގީންވާކަމަކީ ޕެރޯލްބޯޑުގެ މެމްބަރުންތިބީ ވަރަށް ބޮޑު ޤާނޫނީ ގޮތުން ނުރަނގަޅު ކަންތައްތަކެއް ކޮށްގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން