ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންގައިފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައި ވިސާ އިން ދިވެހިރާއްޖޭގައި "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފު ކޮށްފައިވާކަމަށެވެ. މި ހިދުމަތް ތައާރަފް ކުރުމުން ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަން ތަކަށް، ކާޑު އިޝޫކުރާ (ކާޑު ދޫކުރާ) ބޭންކުން ޕޭމަންޓް އެކުއަޔަރ ކުރުމުގެ ހިދުމަތްދޭ ފަރާތަށް (ޕޭމަންޓް ބަލައިގަތުމުގެ ހިދުމަތް ދޭ ފަރާތް)، ކަސްޓަމަރުން ހަދާ ކާޑު ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ވިސާ ގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފު ކުރުމުގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާފައިވާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާއިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ ޓްރާންސެކްޝަންތަކަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނީ ޔޫ.އެސް ޑޮލަރުންކަމަށެވެ. މީގެ އިތުރުންވެސް މުދަލާއި ހިދުމަތުގެ އަގު ބަލައިގަތުމުގައި ރާއްޖޭގެ ބައެއް މާޗަންޓް އައުޓްލެޓުތަކުން ޔޫ.އެސް. ޑޮލަރުން އެ ޓްރާންސެކްޝަންތައް ބަލައިގަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ ސަބަބުން ކާޑު އިޝޫކޮށްފައިވާ ބޭންކުން ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތަށް ސެޓްލްމަންޓް ހެދުމަށްޓަކައި ޔޫ.އެސް ޑޮލަރަށް ބަރޯސާވާން ޖެހެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ވިސާ ގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފް ކުރެވިގެންދިޔުމާއިއެކު މި ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ވެސް ދިވެހި ރުފިޔާއިން ހެދޭނެ މަގު މިހާރު ވަނީ ފަހިވެފައިކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތްތަކަށް އަންގާފައިވާކަމަށެވެ. އަދި މި ބަދަލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ 15 އޭޕްރީލް 2021 އިން ފެށިގެންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ މި ބަދަލާއި ގުޅިގެން ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން، އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫ ކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމަ އެކަނި ދިވެހި ރުފިޔާއިންކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާކަމަށާއި މީގެ ސަބަބުން ކާޑު ޓްރާންސެކްޝަންތައް ސެޓްލް ކުރުމަށް ބޭންކް ތަކުން ޔޫ.އެސް ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރުވެސް ކުޑަ ވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

"ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ގެ ހިދުމަތް ދިވެހިރާއްޖޭގައި އަދި ތައާރަފް ކޮށްފައިވަނީ ވިސާ އިން ކަމުން، މިނިންމުން މި ވަގުތު ހިނގާނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަނިކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން