ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގައި ދެއްކެވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ދިޔަ ދުވަހު މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީވެސް މަޖިލީހުން ބިރު ދެއްކުމުން ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ. ފުރުޞަތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެ ކަމަށްވެސް މަލީހު ވަނީ އެދުވަހު ވިދާޅުވެފައެވެ.

މަލީހުގެ އެވާހަކަތަކާ ގުޅިގެން އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީއަށް އެ މައްސަލަ ފޮނުއްވާފައެވެ. އަދި އެ ކޮމިޓީއަށް މިދިޔަ ހޯމަ ދުވަހު މަލީޙު ޙާޒިރުކޮށް މެންބަރުން ސުވާލު ކުރައްވާފައިވާއިރު އެދުވަހު ކޮމިޓީގައި މަލީހު ވަނީ އޭނާ ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ ޤާނޫނީ އިމުން ބޭރުންކަމަށް ވިދާޅުވެ، ޤާނޫނުގެ ބައެއް މާއްދާތައް ވިދާޅުވެ، މެންބަރުންނާ ޤާނޫނީ ސުވާލުތައް ކުރިމަތި ކުރުވާފައެވެ.

އިމްތިޔާޒު ކޮމިޓީގައި މެމްބަރުން މަލީހު ދެއްކެވި ވާހަކަތަކުގެ ތަފްސީލް ހޯދުމަށް އެދި ސުވާލުކުރި ނަމަވެސް މަލީހު އެ ސުވާލުތަކަށް ޖަވާބުދެއްވާފައެއް ނުވެއެވެ. މަލީހު ވިދާޅުވީ މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށެވެ. އަދި ތަކުރާރުކޮށް މެމްބަރުން ސުވާލު ކުރެއްވުމުންވެސް މަލީހު ވަނީ ސުވާލަށް ޖަވާބު ނުދެއްވައި ކޮމިޓީއަށް ހާޒިރު ކުރެވުނު ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

މަލީހުގެ މައްސަލަ ބެލުމަށްފަހު އިމްތިޔާޒް ކޮމިޓީގެ މުޤައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވީ، މަލީހު ކޮމިޓީއަށް ޙާޒިރުކޮށް، އެކަމާއި މެދު ކޮމިޓީގެ މެންބަރުން ސުވާލުކުރުމުން އެކަމާއި ގުޅޭގޮތުން އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި ދެއްކެވި ހުއްޖަތްތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް ކަމަށް ނުފެންނާތީ އެގޮތަށް ނިންމީކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން