ފިޔަވަތި އިމާރާތް މަރާމާތުކޮށް އެތަން އަލުން ހުޅުވުމުގެ ވަރޗުއަލްކޮށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން.
ފިޔަވަތި އިމާރާތް މަރާމާތުކޮށް އެތަން އަލުން ހުޅުވުމުގެ ވަރޗުއަލްކޮށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން.
ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތް ކުރުމަކީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި ވަރޗުއަލްކޮށް މިއަދު ބޭއްވި އެތަން އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމާއި، މި މަޝްރޫއަކީ އަކީ އެ ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއްކަމަށެވެ.

"ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތް ކުރުމަކީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާއެއް. އަދި މުޖުތަމަޢުގައި ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ފަދަ ހާލަތެއްގައި ތިބި ކުޑަ ކުދިންނަށް އެ ރައްކާތެރިކަން ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް. ފިޔަވަތި އަލުން ރިނޮވޭޓްކޮށް ރައްކާތެރި ވެއްޓެއް ޤާއިމު ކޮށް ދިނުމަކީ މި މަޤްޞަދަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

1.9 މިލިއަން ރުފިޔާ ހޭދަވި މިމަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގި މަޝްރޫޢެކެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޑިޔާއިން ވެދެއްވާ މިފަދަ އިޖުތިމާއީ އެހީތެރިކަމަށް މިނިސްޓަރ ޝާހީދު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާޢީ ގޮތުން މުހިންމު މިފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރަން. ހާއްސަގޮތެއްގައި ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ދެއްވާ އަހަންމިއްޔަތަށްޓަކައި މިނިސްޓަރ އޮފް އެކްސްޓާރނަލް އެފަޔާޒް ޑރ. ޖައިޝަންކަރަށް ޝުކުރު އަދާކުރަން. އަދި ހައިކޮމިޝަނަރާއި، ހައިކޮމިޝަންގެ ޓީމުގެ ފަރާތުން ދިވެހި ރައްޔިތުންގެ ކަންކަމާއި މެދު ބާއްވާ ހާއްސަ ކަމަށްޓަކައި ޝުކުރުވެރިވަން." ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ފިޔަވަތި އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކުރެވި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކޮށް، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި މަޝްރޫއު ހިންގީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެ ތެރެއިންނެވެ. މި އެހީއަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުންތަކަށް ހިންގޭ މަޝްރޫއުތަކަށް ޚަރަދު ކުރުމަށް ވެދީފައިވާ އެހީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން