މާލެ މަގުމަތީގައި ރެންޑަމް ސާމްޕަލް ނެގުން. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
މާލެ މަގުމަތީގައި ރެންޑަމް ސާމްޕަލް ނެގުން. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 139 މީހަކު ޕޮޒިޓިވްވެ 133 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22،929 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،497 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 89 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 50 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 31 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 103 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 6،659 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 623،614 ސާމްޕަލް ނަގާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 133 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 20،359 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 66 އަށް އަރާފައެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން އަތޮޅުތެރެއިން މިއަދު ޖުމްލަ 802 މީހަކު ވެކްސިން ޖަހާފައިވާއިރު، ގްރޭޓަރ މާލެ ސަރަހައްދުން 1،207 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

މިކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ދިނުން މަޑުޖައްސާލުމަށްފަހު އަލުން ވެކްސިނުގެ ފުރަތަމަ ޑޯޒު ދިނުމަށް ފަށާފައިވަނީ ސިނޮފާމް ވެކްސިނުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް ޖުމްލަ 224،979 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން