ހިތުހުރި ގޮތަކަށް މުވައްޒަފުން ރިޑަންޑެންޓް ނުކުރެވޭނެ ކަމަށް ދަޢުލަތުގެ އިސް މަޤާމުތަކެއް އަދާކުރަށްވާފައިވާ ޢިއްޒަތްތެރިއެއް ކަމަށްވާ ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ރިސޯޓްތަކުން އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ޙައްޤުގައި އަޑުއުފުލާ "ޓީމް" ގެ ފަރާތުން ފާޅުކުރުމާ ގުޅިގެން، މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދައިދިނުމާއެކު، ވިޔަފާރިތައްވެސް ޙިމާޔަތް ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒްގެ މިވާހަކައާއި ގުޅިގެން ދަޢުލަތުގެ ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރަށްވާފައިވާ ޢަބްދުﷲ ކަމާލުއްދީން މިއަދު ވިދާޅުވީ، މުވައްޒަފުން ރިޑަންޑެންޓް ކުރުމަކީ ވަޒީފާދޭ ފަރާތަށް މެދުވެރިވާ ވަކި ޟަރޫރީ ޙާލަތްތަކެއްގާ ވަކި ގޮތަކަށް ނޫނީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި އެއީ ހިތުހުރިގޮތަކަށް ކުރަން އޮންނަ ކަމެއް ނޫންކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

"އެޙާލަތުތައް ގާނޫނާ ގަވާއިދުގާ ވަރަށް ތަފްޞީލްކޮށް އޮންނަންވާނެ. ހިތުހުރި ގޮތަކަށް މުވައްޒަފުން ރިޑަންޑެންޓް ކުރަން ތަންދީގެން ނުވާނެ." ޢަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.



ކޮވިޑާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުން އިންސާފު ހޯދުމަށް ޓުރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، ވަޒީފާއިން ވަކިކުރި ރިސޯޓުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް ތަކުން ނުބައި ރިފަރެންސެއް ދެމުން ގެންދާ ކަމަށް "ޓީމް" އިން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، "ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދަން އިއުލާނު ކުރެވިފައިވާނެ ކަމަށެވެ. އަދި ޤާނޫނަކީ ކަމުނުދާނަމަ ބަދަލު ކުރެވޭނެ އެއްޗެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓުމުން ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ނަމަވެސް ޓޫރިޒަމް އަލުން ހިނގައިގަނެ 10 ރިސޯޓް ފިޔަވައި އެހެން ހުރިހާ ރިސޯޓްތަކެއް ހުޅުވައި ޚިދުމަތް ދޭން ފެށި ނަމަވެސް ވަޒީފާ ގެއްލުނު ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވި ގިނަ ބަޔަކަށް އަދިވެސް ވަޒީފާ ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން 5000 ރުފިޔާގެ އެލަވަންސެއް ދިން ނަމަވެސް އެއީ އާއިލާއެއް ގޮވައިގެން އުޅޭ މީހަކަށް ދިރިއުޅުން ހަމަޖައްސައި ލެވޭ ވަރަށްވުރެ ކުޑަ އެއްޗަކަށް ވެފައި އެ ފަދަ އެލަވަންސަކީ ވަގުތީ އެއްޗަކަށް ވާތީ ވަޒީފާ ނުލިބޭ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން