މާލެ ސަރަހައްދުގައި ވެހިކަލް  ދުއްވުން މަނާކުރުމަށް އެންގި އެންގުން ވަނީ ބާތިލްކޮށްފައި
މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމަށް އެންގި އެންގުން ވަނީ ބާތިލްކޮށްފައި
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ހަވީރުގެ 6:00 އިން ފެށިގެން ފަތިހު 6:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމަށް އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބާތިލްކޮށްފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އޭނާ އަށް ލިބޭ ބާރުގެ ދަށުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެންގި އެންގުން ބާތިލްކޮށްފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން އެޗްޕީއޭއިން މަނާކުރުމަށް އެންގި އެންގުން ކުއްލި ގޮތަކަށް ބާތިލް ކޮށްފައި މިވަނީ ވެހިކަލް ދުއްވުން މަނާ ކުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ޓެކްސީ ޑުރައިވަރުން ރައްޔިތުންގެ މަޖިލީސް ދޮށަށް އެއްވެ އަޑުއުފުލައި އެމީހުންގެ ކަންބޮޑުވުންތަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.

ހަވީރުގެ 6:00 އިން ފެށިގެން ފަތިހު 6:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމަށް އެންގި އެންގުން ބާތިލްކުރި ނަމަވެސް ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް އިއުލާންކޮށްފައިވާ ކާފިއުއަށް ބަދަލެއް ނުގެންނަ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޕާކްތަކާއި މައިޒާންތަށް ބަންދުކުރުމަށް އެންގި އެންގުން ބާތިލްކޮށް އެޗްޕީއޭ އިން މީގެ ކުރިން ކުރި އިއުލާންގަައި އަޅާފައިވާ ފިޔަވަޅުތަށް އިތުރު އެއް ހަފުތާ އަށް ރޭ ވަނީ އިތުރުކޮށްފައެވެ.

ކޮވިޑުން ދިފާޢުވުމަށް ހުސްވި މަހު ވެކްސިން ދޭން ފެށިފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ބަލި މީހުން މަދުވި ނަމަވެސް ކޮންމެ ދުވަހަކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަދި ދަށަކަށް ނުދެއެވެ. އެގޮތުން އިއްޔެ ވެސް 139 މީހުން ބައްޔަށް ފައްސި ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން