މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދުކުރި އެންގުން ވަނީ ބާތިލްކޮށްފައި
މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދުކުރި އެންގުން ވަނީ ބާތިލްކޮށްފައި
މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދު ކުރަން އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލްކޮށްފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ ނެރުނު އިއުލާންގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދު ކުރަން އެންގި އެންގުން ބާތިލު ކޮށްފައިވާ ކަމަށެވެ. މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދުކުރަން އެންގީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.



އެ ދުވަހު އަޅާފައިވާ އެހެނިހެން ފިޔަވަޅުތައް އިތުރު ހަތް ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ރޭ ވަނީ އިތުރުކޮށްފައެވެ. އެފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މާލެ ހިމެނޭ ސަރަހައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމާއި، އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމާއި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުމާއި ދުވުމަށް ޚާއްޞަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުން އަދި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ގެ ހަރަކާތްތައް ހުއްޓައިލުން ހިމެނެއެވެ.

އެޗްޕީއޭ އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. އޭގެތެރެއިން ގިނައީ މާލެ ހިމެނޭ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވާ މީހުންނެވެ. ނަމަވެސް މާލެ ސަރަހައްދުން ބައްޔަށް ޕިޒިޓިވް ވާ މީހުން ގިނައީ ގްރޭޓަރ މާލޭ އޭރިއާގެ ކޮން ސަރަހައްދަކުން ކަމެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ. އަދި މީގެ ތެރޭގައި މާލޭ ސަރަހައްދުގައި ރަސްމީ ފަރާތްތަކަށް އަދަދު ނޭނގޭ މިންވަރަށް އުޅޭ ބިދޭސީން ހިމެނެނީ ކިހާ މިންވަރަކަށް ކަމެއް ވެސް އެޗްޕީއޭއަކުން މިހާރަކު ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން