ކުޅުދުއްފުށީގައި މިވަގުތު ކޯވިޑަށް ޕޮޒިޓިވް 4 މީހުން އެބަތިބިކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭތުގައި ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވާ 4 މީހުންނަކީވެސް ނައިފަރުން ކުޅުދުއްފުށްޓަށް ދިޔަ ބަޔަކެވެ. މީގެ ތެރެއިން 3 މީހުންނަކީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލު ކުރި މީހަކާއި އޭނާގެ 2 އެހީތެރިންކަމަށެވެ. ޕޮޒިޓިވްވި އަނެއް މީހާއަކީ ގެއެއްގައި ކަރަންޓީންގައި ހުރި މީހެއްކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ކުޅުދުއްފުށިން ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު، މިހާހަތަނަށް 3 ގެއަކުން 20 މީހުން ކަރަންޓީންކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށިން މައުލޫމާތުދިން މީހަކު ބުނި ގޮތުގައި ކޯވިޑަށް ޕޮޒިޓިވް ވި މީހުން އެރަށު ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ގޮސްފައިވާކަމަށާއި އަދި އެ މީހުންނާ ގުޅުން ހުރެގެން ކަރަންޓީނު ކުރި ގެތަކުގެ މީހުންވެސް ރަށުގެ އެކި ތަންތަނަށް ގޮސްފައިވާތީ ރަށުތެރޭގައި ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ފަހުން ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޮސްޕިޓަލާ ހިއްސާ ކުރެއްވުމަށް އެދިފައެވެ.

ކޯވިޑްގެ ކޭސްތައް ފެނުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލާފައިވާއިރު، ކުޅުދުއްފުށްޓަކީ ބޮޑު ތިލަދުންމަތީގެ ރަށްރަށުގެ މީހުންގެ އިތުރުން އެހެން އަތޮޅުތަކުންވެސް ގިނަބަޔަކު އެކި ބޭނުންތަކުގައި އާންމުކޮށް ޒިޔާރަތްކުރާ ރަށެކެވެ. މީގެތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ހޯދަން ދާ މީހުންނާއި ވިޔަފާރީގެ މުއާމަލާތްތަކުގައި ޒިޔާރަތްކުރާ ފަރާތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން