ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އަތުލަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އަތުލަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފައި މިވަނީ، ހިޔާ ކެޓަގަރީން ސިފައިންނާއި ފުލުހުންގެ ކެޓަގަރީ އުވާލަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިފައިންގެ ފްލެޓްތައް އަތުލުމާއި ގުޅޭގޮތުން ދައްކަމުންދަނީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. މާރިޔާ ވިދާޅުވީ ސިފައިންނަށް ދޭން ކަނޑައަޅާފައިވާ 300 ފްލެޓަށް އެދި ހުށައަޅާފައިވާ ފޯމުތައް ދިރާސާކޮށް، އިންޓަރވިއުވެސް ނިމިފައިވާކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އަތުލުމާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ބަޔަކު ފިތުނަ ފަސާދަ އުފެއްދުމުގެ މަޤުޞަދުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އެމްއެންޑީއެފާއި ފުލުހުންނަށް ދީފައިވާ އެއްވެސް ފްލެޓެއް އަތުލުމަށް ނިންމާފައިނުވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ފްލެޓްތަކުގެ ހައްޤުވެރިންގެ ހައްޤުގައި މަސައްކަތްކުރާ އާންމުންގެ އެކުވެރި ގުޅުން ޖަމުޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ‏ހިޔާ ފުލެޓުން ފުލުހުންނަށް ކަނޑައެޅި 300 ފުލެޓު އަދި ސިފައިންނަށް ޚާއްޞަކުރި 300 ފުލެޓު، ސަރުކާރަށް ނަގަން، އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ވާހަކަ ބައެއް ފުލުހުންނާއި ސިފައިން އެޖަމިއްޔާއާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން، އެޖަމުޢިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުންނާއި ސިފައިން ހިއްސާކޮށްފައިވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ޔާމިންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫޢުގެ 7000 ފްލެޓްގެ ތެރެއިން ފްލެޓް ތަކުގެ އަދަދު މަދުކޮށް ބައެއް ކެޓަގަރީތައް މިސަރުކާރުން ވަނީ އުވާލާފައެވެ. ސަރުކާރުން ބުނީ އުވާލި ކެޓަގަރީ ތަކަކީ އެ މަޝްރޫޢުގައި ފްލެޓް ނެތި ފްލެޓް ދޫކޮށްފައިވާ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީތައް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން