މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭނެކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިގޮތަށް ކަނޑައަޅާފައި މިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤަވާއިދުގެ މާއްދާއަކާއި ގުޅޭގޮތުން އެމްޓީސީސީން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުންނެވެ. މިމައްސަލައަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކުލަވާލި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިމަނާފައިވުމުން، އެމާއްދާ އުވާލުމަށް އެމްޓީސީސީން ހުށަހެޅި މައްސަލައެކެވެ.

އެމްޓީސީސީން ހުށަހެޅި މައްސަލަ ނިންމައި، ހައި ކޯޓުން ކުރި ހުކުމުގައި ވަނީ މައުލޫމާތު ހާމަކުރުމާ ބެހޭ އުސޫލުތައް ހެދުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫނުން ދީފައިވާތީ ގާނޫނުގައި ބުނާ އުސޫލުތަކުގެ އިތުރުން އިތުރު އުސޫލުތަކެއް އިންފޮމޭޝަން ކޮމިޝަނަރަށް ހެދިދާނެކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާ ކަމަށް ބަލަން ފަށައިފިނަމަ ގާނޫނަށް ފުރިހަމައަށް އަމަލު ނުކުރެވޭނެކަމަށް އެ ހުކުމުގައިވެއެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓުން އެހީ ލިބޭ ކޮންމެ ތަނަކަށް އެ ގާނޫނުގެ ބާރު ހިނގާނެ ކަމަށް އެ ގާނޫނުގައި ބުނާއިރު، ދައުލަތުގެ ބަޖެޓުން އެހީ ލިބޭ ތަންތަނަކީ ކޮބައިކަން އެ ގާނޫނުގައި ބުނެދީފައި ނެތުމުން އެހެން ގާނޫނުތަކަށް ބެލިދާނެ ކަމަށް އެ ހުކުމުގައިވެއެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުގެ މައްޗަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ އުސޫލުތައް ހިނގާނެކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި އޮތް މާއްދާ ބާތިލް ކުރަން ނުޖެހޭކަމަށް ޙުކުމްގައިވެއެވެ.

މިމައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުން ހުކުމަށް ތާއީދުކުރި ނަމަވެސް، އަނެއް 2 ފަނޑިޔާރުންގެ ރައުޔު ތަފާތެވެ. ހުކުމާއި ހިޔާލު ތަފާތުވި އެއް ފަނޑިޔާރެއްގެ ރައުޔުގައި ވަނީ ސަރުކާރު ކުންފުނިތަކަށް ގާނޫނު ހިނގާނެކަމަށް ގަވާއިދުގައި އޮތީ ގާނޫނުގައި އޮތް މާނައަށް ވުރެ ފުޅާކޮށް ކަމަށެވެ. އަދި އަނެއް ފަނޑިޔާރު ރައުޔު ނެރުނީ އެމްޓީސީސީން އެދުުނު ގޮތަށް ގަވާއިދުގެ މާއްދާ ބާތިލްކުރަން ޖެހޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން