އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   25 މާރިޗު 2021 - 16:12
މޯލްޑިވް ގޭސްއާ ހަވާލު ކޮށްގެން ރާއްޖެ ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސާއަށް އެންގުމަށް ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ފާސްކޮށްފިއެވެ.

އެމައްސަލަ ބަލައި ކޮމިޓީން ފާސްކުރި ރިޕޯޓުގައި ބުނެފައިވަނީ ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވަނީ އެ ކުންފުނީގެ ތެރެއިން ކަމަށް ތުހުމަތު ކުރެވޭތީ، އެ ކުންފުނީގެ އޭރުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމް އާއި ކުންފުނީގެ މުވައްޒަފުން ހިމެނޭ ގޮތަށް މި މައްސަލަ ބެލުމަށް އޭސީސީއަށް އެންގުމަށް ރިޕޯޓުގައި ވެއެވެ.

ކޮވިޑް ގެ ބަލިމަޑުކަމާ ގުޅިގެން، މޯލްޑިވް ގޭހުން އޯޑަރު ދީފައިވަނީ އާ ސިލިންޑަރު ގަންނަން ނަމަވެސް، އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްޓް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ފޮނުވާފައިވަނީ ރީފާބިޝް ސިލިންޑަރުތަކެއް ކަމަށެވެ.

އަދި އެތަކެތި ހައިޑްރޮސްޓޭޓިކްޓެސްޓް ހަދައިގެން ނޫނީ ބޭނުން ނުކުރެވޭ ކަމާއި އެ ޓެސްޓުތައް ހެދުމަށް އެތައް ހޭދައެއް ކުރަން ޖެހުމުން ވެސް ކުންފުންޏަށް ބޮޑެތި ގެއްލުންތައްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ގެއްލުމުގެ ބަދަލު އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

އަދި ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ އިސްލާހު ކުރުމަށްފަހު 30 އޭޕްރީލްގެ ކުރިން އެ ކޮމިޓީއަށް ފޮނުވުމަށް އެންގުމަށާއި އަދި އެ ޕޮލިސީގެ ތެރެއިން ކުންފުނީގެ ވެންޑާ ރެޖިސްޓްރޭޝަން ޕްރޮސެސް އާއި ޕާޗޭސް އޯޑަރު ކުުރުމުގެ ނިޒާމު ހަރުދަނާކުރުމަށްވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން