ސިވިލް ސަރވަންޓުންނަކީ އަޅުންކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ސިވިލް ސަރވަންޓުންނަށް ކުޑައިމީސްވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ. އަދި އެމައްސަލައިގައި އެކި ފަރާތްތަކުން އަންނަނީ ސަލީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ސަލީމް ދެއްކެވި ވާހަކަ ތަކަށް ރައްދުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ތަންތާ ހުޅުޖަހައި، ބުލީކޮށް ފޮށުމަކީ އެމްޑީޕީން ވަރަށް އުފާވާ ކަންކަންކަމަށެވެ. އަދި ސިވިލް ސަރވަންޓުންނަކީ އަޅުންކަމަށް މެމްބަރު ސަލީމް ވިދާޅުވުމަކީ ހައިރާންވާފަދަ ކަމެއް ނޫންކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ހަޤީޤީ ހަރުކަށި އަދި ހައްދު ފަހަނައަޅާފައިވާ ފިކުރު ފެންނަނީ އެމްޑީޕީންކަމަށާއި އެމްޑީޕީން އުޅެނީ ޖާހިލުންނަށް އީދު އައުމުން އުޅޭ ފާޑަށްކަމަށެވެ.

"ތަންތާ ހުޅުޖަހައި، ބުލީކޮށް ފޮށުމުން އެމްޑީޕީން އުފާވޭ. ސިވިލް ސާވެންޓުންނަކީ އަޅުންކަމަށް ސައްލެ ވަކާލާތުކުރެއްވުމުން ހައިރާނެއްނުވޭ. ޙަޤީޤީ ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ފިކުރު މިފެންނަނީ އެމްޑީޕީން. ހީވަނީ ޖާހިލުންނަށް އީދުއައިސްގެން އުޅޭހެން." ޖަމީލު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިޔާލު ފާޅުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެމްޑީޕީގެ މެމްބަރު ސަލީމް ވިދާޅުވީ ސިވިލް ސާވިސް ވަޒީފާގައި ހުންނަ މީހަކީ ވަކި އިންތަކެއްގައި ވަކި އުސޫލުތަކެއް ހިފަހައްޓައި ވަކި އަޚުލާޤަކަށް ތަބާވާންޖެހޭ މީހެއް ކަމަށެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފަކަށް ބޭނުންހާ ވާހަކައެއް ނުދެއްކޭނެ ކަމަށާއި، ބޭނުންހާ ވާހަކައެއް ނުވެސް ލިޔެވޭނެކަމަށެވެ.

"ސިވިލް ސަރވިސް މުވައްޒަފުންނަކީ ކަށްވަޅަށް ދާންދެން އަގަ މަޑުންލައިގެން ހުންނަންޖެހޭ މީހެއް. ބޭނުން އެއްޗެއް ފޭސްބުކުގައި ނުލިވޭނެ." ސަލީމް ވިދާޅުވިއެވެ.



އެމްޑީޕީން ސިވިލް ސަރވަންޓުންގެ ހައްގުތައް ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް، ސިވިލް ސާވިސް މުވައްޒަފުންގެ ކިބައިން އެ މީހުންގެ އަސާސީ މަދަނީ ޙައްޤުތައް ނުހިފަހެއްޓޭނެ ކަމަށް ކަނޑައަޅައި 2005 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ހުކުމެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން