ބޭންކު އެކައުންޓަށް މައްސަލައެއްދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.

މިގޮތުން މިހާރަކަށް އައިސް ބީއެމްއެލްގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

މިކަމާއި ބެހޭގޮތުން ބީއެމްއެލުން ބުނެފައިވަނީ ބީއެމްއެލުން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެކަމަށެވެ. އަދި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެކަމަށެވެ. ބޭންކުން މޮަބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށްވެސް ބީއެމްއެލުން ބުނެފައިވެއެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭންކުން ކަމަށް ބުނެ އަންނަ މިފަދަ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުމަށް ބޭންކުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން