ކުރީގެ ވަޒީރު ނޢޢވ އަނީސާ އަހުމަދު
ކުރީގެ ވަޒީރު ނޢޢވ އަނީސާ އަހުމަދު
ވަޒީރު ބޭނުންވުމުން ޕާމަނެންޓް ސެކްރެޓަރީ ވަކިކުރެވޭގޮތް ހެދުމުން ސިޔާސީ ނުފޫޒުން އެއްކިބާވާނެތޯ ވިދާޅުވެ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކުރީގެ ވަޒީރު ނޢޢވ އަނީސާ އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ ވަޒީރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަނީސާ އަހުމަދު މިހެން ވިދާޅުވެ ސުވާލު އުފެއްދެވީ މިނިސްޓަރަށް އިތުބާރު ނުކުރެވޭ ނަމަ ޕާމަނެންޓް ސެކްރެޓަރީން މަގާމުން ވަކިކުރެވޭ ގޮތަށް، ސިވިލް ސާވިސް ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެންނެވެ.



މުލަކުއަތޮޅު މެމްބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަނީސާ އަހުމަދު ވިދާޅުވީ ސިވިލް ސަރވިސް އުފެއްދީ ސިޔާސީ ކަންކަމުން އެކަހެރިވެ ނުފޫޒުން އެއްކިބާވެ ވަކިފަރާތަކަށް ނުޖެހި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށެވެ.





"އެކަމަކު ވަޒީރު ބޭނުންވާއިރަށް ސެކްރެޓަރީ ވަކިކުރެވޭގޮތް ހެދުމުން ސިޔާސީ ނުފޫޒުން އެއްކިބާވެވޭނެބާ؟" ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީސް ޓެގް ކުރައްވައި އެކަމަނާ ސުވާލު ކުރެއްވިއެވެ.

ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެންނަން ރޮޒައިނާ ހުށަހަޅުއްވާފައިވާ ބިލުގައި، އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން ހުށަހަޅުއްވާފައި ވެއެވެ. އެއީ ޕާމަނެންޓް ސެކްރެޓަރީ ވަކިކުރާ ސަބަބެއްގެ ގޮތުގައި މިނިސްޓަރަށް އިތުބާރު ނެތުނެތުމެވެ.

މިނިސްޓަރަށް އިތުބާރު ނުކުރެެއްވޭ ނަމަ ޕާމަނެންޓް ސެކްރެޓަރީން މަގާމުން ވަކިކުރެވޭ ގޮތަށް، އަދި ކައުންސިލަރުންގެ ލަފަޔާއެކު ކައުންސިލްތަކަށް އެންމެ އިސް މުވައްޒަފު އައްޔަންކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް ވަނީ ލަފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން