ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން އެބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީ ކުރި މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އޭސީސީ އަށް މިއަދު އަންގަވައިފިއެވެ.

ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހަވާލުކުރި ފަރާތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ނިންމި ވެންޓިލޭޓަރު ތަކުގައެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީން ކުރިން ވެސް ވަނީ އެމައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ނިންމާފައެވެ.

އެނިންމުމާއި ގުޅިގެން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އަލުން ހުށައަޅާފައެވެ. ނަމަވެސް އޭސީސީ އިން މިއަދު ބުނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން މިއަދު އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލަައިގައި ދައުވާ ނުކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޕީޖީ ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތުތަކެއް ލިބިފައިވާކަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ހާމަކުރަށްވާފައެވެ. އަދި އެ މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ވެންޓިލޭޓަރ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ މައްސަލައާ ގުޅުން ހުރި 36 މީހެއްގެ ބަޔާން ނެގި އިރު، މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ކަމަށެވެ. އޭސީސީގެ ބަޔާނުގައި ބުނާގޮތުން އެންމެ ބޮޑު މައްސަލައެއްގެ ފާހަގަކޮށްފައި އޮތީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި ގޮތެވެ.

އޭސީސީން ބުނީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ މިނިސްޓަރ އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށެވެ.

މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ. އަދި އެ މަސައްކަތް އެގްޒެކިއުޓާސްއާ ހަވާލު ކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

އެ ކޮންޓެކްޓަކީ ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫން ކަމަށް ސިޓީގައި ބުނެފައިވާތީ އާއި، ބިޑް ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައިވަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ހުއްދަ ދިނުމުގެ ކުރިން ކޮމިޓީން ބަލަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން އަމަލުކޮށްފައިނުވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އެހެންވެ، އޭސީސީން ވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެމްބަރު ފާތުމަތު ލިމްޔާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ކަމަށް އޭސީސީން ކުރިން ބުނެފައި ވެއެވެ.

ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީން އެކިފަރާތްތަކަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ތުހުމަތު ތަކެއް ކުރެވިފައިވާއިރު އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން ގެންނަން ފައިސާ ވެސް ދައްކާފައިވާ ވެންޓިލޭޓަރު ތަކުގެ ތެރެއިން ލިބުނީ މަދު ވެންޓިލޭޓަރު ކޮޅެކެވެ. އެމައްސަލަ ފެންމަތިވުމުން ހެލްތު މިނިސްޓަރު ވަނީ އަމިއްލައަށް ޒިންމާތަކުން އެކަހެރިވެ ވަޑައިގެން ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ. މިމައްސަލައިގައި ވަޒީރު އިސްތިއުފާ ދެއްވުމާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ޒިންމާ ތަކުން އެކަހެރިކުރުން ފިޔަވައި މިހާތަނަށް އެ ކޮރަޕްޝަނާއި ގުޅޭ އެހެން މައްސަލައެއް ކުރިއަށް ދާގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން