ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާއިރު އަމިއްލަ ގަލަމެއް ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޯވިޑާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކުރިއަށްދާނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިގެންކަމަށެވެ. އެގޮތުން "ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު" އެއް ވަނީ އެކުލަވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުލާން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމެއް ބޭނުންކުރުމަށް ކޮމިޝަނުން ބާރު އަޅާކަމަށެވެ. އަދި އަމިއްލަ ގަލަމެއް ބޭނުންކުރާއިރު ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ބޭނުންކުރުމަށް ކޮމިޝަނުން އަންގާފައިވެއެވެ.

ކޮވިޑްގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައި ގިނަ ކަންތައްތަކެއް ހިމެނެއެވެ. އޭގެތެރޭގައި ވޯޓްލާ މަރުކަޒުތަކުގައި ފުރިހަމަކުރަންޖެހޭ ކަންކަމާއި، ވޯޓްލާން ދާން ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަން ހިމެނެއެވެ.

ވޯޓުލާން ދާއިރު އަމިއްލަ ގަލަމެއް ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފައިވާއިރު، އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓްލާ މަރުކަޒުގައި ހުރި ގަލަންތަކުން ޖަހާ ފާހަގަ ގެއްލުނުކަމުގެ ޝަކުވާތަކެއް ވެސް ވަނީ ބަޔަކު ކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮންނަނީ އަންނަމަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން