ކޯވިޑާއި ގުޅިގެން ސަރުކާރުން ވެންޓިލޭޓަރުތަކެއް ހޯދަން ކުރި މަސައްކަތުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމި ސަބަބު ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ސާފުކޮށްދޭން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

މެމްބަރު އިބްރާހިމް ރަޝީދު މިހެން ވިދާޅުވެފައި މިވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރަން ޕީޖީ އިއްޔެ ނިންމެވުމާއި ގުޅިގެނެވެ.

މިކަމަށް އިޝާރާތްކުރައްވައި ބޮންޑާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ދައުވާނުކުރަން ކުރިން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތްނަމަ، އެސަބަބު ޕީޖީ ސާފުކޮށްދޭން ޖެހޭކަމަށެވެ. އަދި ދައުވާ ކުރަންޖެހޭ ސަބަބުތައް އޭސީސީން ހާމަކޮށްދޭންޖެހޭނެ ކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ.

"ވެންތިލޭޓަރު މައްސަލާގައި ދައުވާނުކުރަން ކުރިން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން ބުނާނަމަ އެ ސަބަބު ސާފުކޮށްދޭންޖެހޭނެ. އަދި ރައްދުގައި ދައުވާ ކުރާންޖެހޭ ސަބަބުތައް މިހާލަތުގައި އޭސީސީން ހާމަކޮށްދިނުމަކީ ކުރާންޖެހޭކަމެއް." ބޮންޑާ ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން އެބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީ ކުރި މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އޭސީސީއަށް އެންގެވީ އިއްޔެއެވެ.

ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހަވާލުކުރި ފަރާތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ނިންމި ވެންޓިލޭޓަރު ތަކުގައެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީން ކުރިން ވެސް ވަނީ އެމައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ނިންމާފައެވެ.

އެނިންމުމާއި ގުޅިގެން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އަލުން ހުށައަޅާފައެވެ. ނަމަވެސް އޭސީސީ އިން އިއްޔެ ބުނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ޕީޖީ ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތުތަކެއް ލިބިފައިވާކަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ހާމަކުރައްވާފައެވެ. އަދި އެ މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ވެންޓިލޭޓަރ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ މައްސަލައާ ގުޅުން ހުރި 36 މީހެއްގެ ބަޔާން ނެގި އިރު، މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ކަމަށެވެ. އޭސީސީގެ ބަޔާނުގައި ބުނާގޮތުން އެންމެ ބޮޑު މައްސަލައެއްގެ ފާހަގަކޮށްފައި އޮތީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި ގޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން