ދިވެހި އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ކުރަމުންދާ މަސައްކަތް ޑިފެންސް މިނިސްޓަރ ބައިނަލްއަޤްވާމީ މުޖްތަމުޢާ ހިއްސާކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވަނީ އ.ދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 65 ވަނަ ސެޝަންގެ ހަވާސާގައި، ލެޓްވިއާއިން އިންތިޒާމްކޮށްގެން، ރާއްޖެއިން ކޯހޯސްޓްކުރާ ގޮތަށް ބޭއްވި "ރޯލް އޮފް ވިމެން ލީޑަރސް އިން ދަ މިލިޓަރީ އެންޑް ޕީސްކީޕިންގ،" ޕެނަލް ޑިސްކަޝަނަށް، ފޮނުއްވި ވީޑިޔޯ މެސެޖު މެދުވެރިކޮށެވެ.

މިޕެނަލް ޑިސްކަޝަންގައި ކެނެޑާ، ލައިބީރިޔާ، ނޯވޭ އަދި ލެޓްވިޔާއަށް ނިސްބަތްވާ އަންހެން ބްރިގޭޑިއަރ ޖެނެރަލުންނާއި ކާނަލުންވަނީ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކައިގައި އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހިފައިވާ ކަމަށާއި، މިކަން ކުރެވޭނީ ލާމަސީލު އަންހެން ލީޑަރުން ބިނާކޮށް، އަސްކަރިއްޔާގެ ތެރެއިން އަންހެނުންގެ ހުނަރު ތަރައްޤީކުރުމަށާއި ލީޑަރޝިޕް ދެއްކުމަށް ހަރުދަނާ ފުރުޞަތުތަކެއް ދީގެންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމީ ސަލާމަތަށް ހުރި ޒަމާނީ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ދެޖިންސުގެ ރައްޔިތުން ޝާމިލްވާހެން އެއްބާރެއް ލައިގެން މަސައްކަތް ކުރަންޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.

128 އަހަރުގެ ދިގު ތާރީޚެއް އޮތް ދިވެހި ޤައުމީ ދިފާޢީ ބާރުގައި އަންހެން ސިފައިން ޙަރަކާތްތެރިވާން ފެށިތާ 32 އަހަރުވެގެންގޮސްފައިވާއިރު، އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ރެކްރޫޓްކޮށްފައިވާ ކަމަށާއި، މިއަހަރުގެ ޖަނަވަރީމަހު އެކަނިވެސް، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ޕްރޮމޯޝަން ޙާސިލްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ޙާސިލްކުރެއްވި އަންހެން އޮފިސަރުންގެ ތެރެއިން 2 އޮފިސަރުން، އެމް.އެން.ޑީ.އެފްގެ ލަފާދޭ މަޖިލީހަށް އައްޔަންކުރެއްވުމަށްޓަކައި، އުޞޫލަށް ބަދަލު ގެންނަވާފައިވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައި އަންހެން ސިފައިން ތަމްޞީލުވާނެކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

އަންހެން ސިފައިންގެ ހުނަރު ތަރައްޤީކުރަން އިތުރު ފުރުޞަތުތައް ހޯއްދެވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވަނީ، ދުނިޔޭގައި އަސްކަރީ ތަމްރީނުދޭ އެންމެ ދުވަސްވީ އަދި އެންމެ ޤަދަރުވެރި އެއް މަރުކަޒު ކަމަށްވާ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓަށް، މީގެ ކުރިން، ހަމައެކަނި ފިރިހެން ކެޑޭޓުން ފޮނުވުމުގެ ޒަމާންވީ ސަޤާފަތް އުވާލައި، ފުރަތަމަ ފަހަރަށް، ކޮމިޝަނިންގ ކޯހަކަށް ފޮނުވި ދިވެހި އަންހެން އޮފިސަރ ކެޑޭޓު، ފިރުޝާނާ ތައުފީޤު، "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑް"ގެ މަތިވެރި ޝަރަފު ޙާސިލްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އަސްކަރިއްޔާގެ ބޭރުން، މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކަށްވެސް މިނިސްޓަރ މާރިޔާ ބައްލަވާލެއްވިއެވެ. މިގޮތުން، ލޯކަލް ކައުންސިލް އިންތިޚާބުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް އަންހެން 2 ފަނޑިޔާރުން އައްޔަންކުރެއްވުމާއި، މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމް ހިމެނޭހެން ގިނަ ޢަދަދެއްގެ އަންހެން ވަޒީރުން އައްޔަންކުރެއްވުން ފަދަ ކުރިއެރުންތައް އެކަމަނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން