ރ. އަތޮޅު މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕްކުރިކަމަށް ބުނާ މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި މަޑުއްވަރީގެ ނަން ގެނެސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މައްސަލައިގައި ވަނީ މާލެއިން އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު، މި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެކަމުގެ ބިރު ދައްކައި، ރޭޕްކޮށްފައިވާކަމަށް، ކަމާބެހޭ ފަރާތްތަކަށް ކިޔައިދީފައިވާކަމަށް އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިހާދިސާ ހިނގިތާ މިހާގިނަ ދުވަސް ވީއިރުވެސް، އަދި ދަރިވަރުގެ ދުލުން މިވާހަކަތައް ކިޔައިދީފައިވާއިރުވެސް، ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މީހުން ސުވާލު ކޮށްލަންވެސް ޙާޟިރުކޮށްފައި ނުވުމަކީ އަނިޔާ ލިބުނު މައުސޫމު ކުއްޖާއަށް އިންޞާފު ލިބޭނެކަމާމެދު ސުވާލު އުފެދޭ ކަމެއްކަމަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފް ވިދާޅުވީ މިއީ، ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހެމުންދާކަން ދޭހަވާ، އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުންފަދަ ސީރިއަސް މައްސަލަތަކާމެދު އެއްވެސް ވަރެއްގެ ސަމާލުކަން ނުދޭކަން ދޭހަވާ ކަންކަންކަމަށެވެ.

"ކަންމިހެން އޮތުމާއެކު، އަނިޔާ ލިބުނު މަޢުޞޫމު ކުއްޖާގެ ރަށުގެ ރައްޔިތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް މުޒާހަރާ ކުރުމުން، އެ މުޒާހަރާކުރި މީހުންގެ ތެރެއިން 11 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާކަން ފާހަގަ ކުރަމެވެ. އަދި އަނިޔާ ލިބުނު މަޢުޞޫމު ކުއްޖާއަށް އިންޞާފު ނުލިބި، މުޖުރިމުން މިނިވަންކަމާއެކު ދޫވެފައި ތިބުމުން މުޅި މުޖުތަމަޢުގެ މަޞްލަޙަތު ގެއްލެމުންދާކަން ފާހަގަ ކުރަމެވެ." މަޖިލިސް ރައީސަށް ފޮނުއްވި ސިޓީގައިވެއެވެ.

އާދަމް ޝަރީފްގެ ސިޓީގައި މިމައްސަލަ، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅުއްވައިގެން ބައްލަވައިދެއްވުމަށް ވަނީ އެދިފައެވެ. އަދި މިހާދިސާއާ ގުޅިގެން އެރަށުގެ މަސްރަޙު އިތުރަށް ގޯސް ނުވާނެގޮތަކަށް އަމަލު ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ ގޮތެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ މެދުވެރިކޮށް ވީއެންމެ އަވަހަކަށް ސާފުވާނެގޮތެއް ހައްދަވައިދެއްވުމަށްވެސް އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން