މިއަދު އަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން، މަޤާމުގައި މިހާރު ތިބި ފުލުހުން މަޤާމު ހުވާ މިއަދު ކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް މިއަދު އަަމަލުކުރަން ފަށާފައިވާއިރު، އެޤާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުވިދިޔަ ގާނޫނުގެ ދަށުން މިއަދާހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން، އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެކަމަށެވެ. އަދި ރައްޔިތުން އުންމީދުކުރާފަދަ މުއައްސަސާއަކަަށް ފުލުހުންގެ މުއައްސަސާ ހެދޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.



ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެންދާނެތީ އައު ގާނޫނުގައި ބަޔާންކުރާ ރޭންކުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. ޤާނޫނަށް ގެނެވުނު ބަދަލާއެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް ގާނޫނު ލާޒިމުކުރެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ބުނާގޮތުން ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނޭ ބައެކެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްކަމަށްވެސް މިޤާނޫނުގައި ބަޔާންކުރެއެވެ.

މިގާނޫނާއެކު ފުލުހުންގެ މުއައްސަސާގެ މަތީ މަގާމުތަކަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް ބެލެވޭއިރު މިގާނޫނުގެ މައިގަނޑު އެއް ބޭނުމަކީ 7 ފެބްރުއަރީއާއި ޖެހިގެން އައި އަށެއް ފެބްރުއަރީ 2012 ގައި ފުލުހުންގެ ތެރެއިން ބަޔަކު ހިންގާފައިވާ އަމަލުތަކަށް ފިޔަވަޅު އެޅުމަށް ފުރުސަތު ހޯދޭނެ ގާނޫނީ ފަރުވާ އެއް ކަމަށްވެސް ބައެއް ފަރާތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން