ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން ވެންޓިލޭޓަރުތަކެއް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަން ސާބިތުވެ، ނަމަވެސް އެ މައްސަލައިގައި ދައުވާ ނުކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ނިންމެވުމާއި ގުޅިގެނެވެ.

ކޯވިޑާއި ގުޅިގެން ސަރުކާރުން ވެންޓިލޭޓަރުތަކެއް ހޯދުމަށްކުރި މަސައްކަތުގައި ބޭރުގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް، މިހާތަނަށް ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ. މިމައްސަލައިގައި މީގެކުރިންވެސް އޭސީސީގެ ތަހުގީގު ތަކަށް ބުރަވެ ދައުވާ ނުކުރުމަށް ޕީޖީ ނިންމެވިއެވެ. ނަމަވެސް ޕީޖީގެ ނިންމެވުން އަލުން މުރާޖަޢާ ކުރުމަށް މަޖިލީހުން އެންގެވެމުން، އަނެއްކާވެސް އެމައްސަލަ ދިރާސާކުރެއްވުމަށްފަހު ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށެވެ.

މިމައްސަލައާއި ގުޅޭގޮތުން އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ބެއްލެވުމުގައި ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ފެއިލްވެފައިވާކަމަށެވެ. އަދި ޕީޖީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފެނިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕީޖީގެ އިތުރުން، އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހަވާލުކުރި ފަރާތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ނިންމި ވެންޓިލޭޓަރު ތަކުގައެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީން ކުރިން ވެސް ވަނީ އެމައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ނިންމާފައެވެ. އެނިންމުމާއި ގުޅިގެން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އަލުން ހުށައަޅާފައެވެ. ނަމަވެސް އޭސީސީ އިން ބުނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން މިއަދު އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ޕީޖީ ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތުތަކެއް ލިބިފައިވާކަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ހާމަކުރައްވާފައެވެ.

ވެންޓިލޭޓަރ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން