މަޤާމުން އިސްތިއުފާދެއްވަން ރައީސް ނަޝީދު ވިދާޅުވިކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ޝަމީމުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމުގެ އަޑުތައް ފެތުރުފައި ވަނިކޮށެވެ. އެވާހަކަތައް މިއަދު ވަނީ މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައެވެ.

ޕީޖީ އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމާއި މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ އެހުމުން ޝަމީމް ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނު ވަރަށް އިޚްތިރާމް ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ރައީސް ނަޝީދު އެއްޗެއް ވިދާޅުވުމެކޭ، އަމިއްލަ މަންމާފުޅު އެއްޗެއް ވިދާޅުވުމެކޭ ތަފާތެއް ނޯންނާނެކަމަށާއި، ރައީސް ނަޝީދު ވިދާޅުވާ އެއްޗަކަށް ކޮމެންޓްކޮށް، ރައްދު ދެއްވަން އެއްވެސް ވަރަކަށް ބޭނުންފުޅު ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ އެއްޗެއް އެ ވިދާޅުވީ ވަރަށް ސާދާކޮށް، ސާފުކޮށް. އެއީ އަޅުގަނޑު ކޮމެންޓްކުރަންޖެހޭ ކަމެއް ނޫން. އެއީ އެއަށްވުރެ ބޮޑަށް އަޅުގަނޑު އިހްތިރާމްކުރާ ބޭފުޅެއް. އަޅުގަނޑު މަންމަ އަޅުގަނޑު ކައިރީ ކަމަކު ބުނުން ކަހަލަ ކަމެއްކަމަށް އަޅުގަނޑު ދެކެނީ. އެކަމަކާއި ޒުވާބެއް ނުކުރާނެ ދެއްތޯ؟" ޝަމީމް ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވަން ޝަމީމް އަރިހުގައި ރައީސް ނަޝީދު ދަންނަވައިފިނަމަ އަމަލުކުރައްވާނީ ކިހިނެއްތޯ އެހުމުން ޝަމީމް ވިދާޅުވީ، އެގޮތަށް އެކަން ކުރަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި އޭނާއަކީ މަޤާމުގައި ހުންނަވަން ގަދަފައި ވިއްދާނެ ބޭފުޅެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"ރައީސް ނަޝީދު އެކަންކުރައްވަނީ އެއްވެސް ފޮރުވުމެއް ނެތި. އަޅުގަނޑަށްވެސް މެސެޖުކުރި، ތި ވިދާޅުވާ މެސެޖު ހަމަ އެގޮތަށް ކުރެއްވި އަޅުގަނޑަށް. އިސްތިއުފާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އަޅުގަނޑު ކަންތައް ކުރާނަން. އެއީ ޕްރޮސެސްއެއް އޮންނަ ކަމެއް. އެ ޕްރޮސެސްގެ ތެރެއިން އެކަން ހިނގީމަ. އަޅުގަނޑު އަނެއްހެން މާބޮޑު ޝައުޤުވެރިކަމެއް ހުރީއެއްނޫން މިމަޤާމުގައި ހުންނާކަށް. އެކަމަކު އަޅުގަނޑު ކުރަން ނުޖެހޭކަމެއް އަޅުގަނޑު ނުކުރާނަން." ޝަމީމް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން ވެންޓިލޭޓަރުތަކެއް ހޯދުމަށްކުރި މަސައްކަތުގައި ބޭރުގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް، މިހާތަނަށް ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ. މިމައްސަލައިގައި މީގެކުރިންވެސް އޭސީސީގެ ތަހުގީގު ތަކަށް ބުރަވެ ދައުވާ ނުކުރުމަށް ޕީޖީ ނިންމެވިއެވެ. ނަމަވެސް ޕީޖީގެ ނިންމެވުން އަލުން މުރާޖަޢާ ކުރުމަށް މަޖިލީހުން އެންގެވެމުން، އަނެއްކާވެސް އެމައްސަލަ ދިރާސާކުރެއްވުމަށްފަހު ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށެވެ.

މިމައްސަލައާއި ގުޅޭގޮތުން އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ބެއްލެވުމުގައި ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ފެއިލްވެފައިވާކަމަށެވެ. އަދި ޕީޖީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފެނިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕީޖީގެ އިތުރުން، އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހަވާލުކުރި ފަރާތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ނިންމި ވެންޓިލޭޓަރު ތަކުގައެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީން ކުރިން ވެސް ވަނީ އެމައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ނިންމާފައެވެ. އެނިންމުމާއި ގުޅިގެން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އަލުން ހުށައަޅާފައެވެ. ނަމަވެސް އޭސީސީ އިން ބުނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން އެ ކޮމިޝަނަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ކިނބޫ

29-Mar-2021

މާބޮޑު ޝައުޤުވެރިކަމެއް ނެތި މަގާމުތަކުގަ ކަލޭމެން ތިބޭތީ ވައްކަން ނޫން ކަމެއް ނުކުރެވިގެން ތިއުޅެނީ. ޝައުޤުވެރިކަން ހުރި ބަޔަކާ ހަވާލުކުރޭ. ރައްޔިތުންނަށް ޚިދުމަތް ކުރާނީ އޭރުން.


11

علي رشيد

29-Mar-2021

އޭސީސީގެ މަޅިއެއްގައި ޝަހީމް ބެދޭކަށް ނުޖެހޭނެ !


10

އަބުދުﷲ

29-Mar-2021

އިސްތިއުފާ ދެއްވާާ އަވަހަށް



ޓްރެންޑިން