އަހުމަދު މަސްނޫމް   27 މާރިޗު 2021 - 15:28
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން، މަޤާމުގައި މިހާރު ތިބި ފުލުހުން މަޤާމު ހުވާކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށާފައެވެ. އައު ގާނޫނުގެ ދަށުން ފުލުހުން މަގާމުގެ ހުވާ ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ޝަރަފުވެރި ކޮށްދެއްވި މިރަސްމިއްޔާތުގައި ފުލުހުންނަށް މަގާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ފުލުހުންގެ މުއައްސަސާގެ ގިނަ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެންދާނެތީ އައު ގާނޫނުގައި ބަޔާންކުރާ ރޭންކުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. ޤާނޫނަށް ގެނެވުނު ބަދަލާއެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް ގާނޫނު ލާޒިމުކުރެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ބުނާގޮތުން ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނޭ ބައެކެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްކަމަށްވެސް މިޤާނޫނުގައި ބަޔާންކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން