ދައުލަތުގެ މުއައްސަސާތައް ކުއްޖާއަށް ބިރުވެރިތަނަކަށްވުމުން ކުއްޖާއަށް ދެވޭނީ ކޮން ރައްކާތެރިކަމެއްތޯ ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް، ދައުލަތުގެ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދަ މޭރަމަކުން ފާޑުވިދާޅުވީ މަޑުއްވަރީގައި ކުޑަ އަންހެންކުއްޖަކު ރޭޕްކުރި ކަމަށްބުނާ މައްސަލާގައި، ކަންހިނގާދާ ގޮތަށް ބަލާއިރު އެކުއްޖާއަށް ދައުލަތުގެ މުއައްސަސާތައް ބިރުވެރިތަނަކަށް ވެފައިވާކަމަށް ސިފަކުރަށްވަމުންނެވެ.

"ކުއްޖާއަށް ދައުލަތުގެ މުއައްސަސާތައް ބިރުވެރި ތަންތަނަށް ވީހިނދު، ދައުލަތުގެ މުއައްސަސާއަކުން ދެވޭނެ ރައްކާތެރިކަމަކީ ކޮބައިތޯ ސުވާލު އުފެދޭ." ޝިޔާމް ވިދާޅުވިއެެވެ.

ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ބުނެ އެކުއްޖާ މާލެ ގެނަސް އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އެކުއްޖާއަށް ޖިންސީގޯނާކޮށް ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ރޭޕްގެ ޝިކާރައަކަށްވީ ކުއްޖާއަށް ރައްކާތެރިކަންދީ ހާލަތު ބަލަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

މަޑުއްވަރީގައި ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތު އެރަށުގެ ޓީޗަރަކަށާއި އެނޫން ބައެއް މީހުންގެ މައްޗަށްވެސް ކުރެއެވެ. މިމައްސަލާގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާތީ އެރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރަމުންނެވެ. ފުލުހުން ވަނީ މުޒާހަރާކުރި މީހުންގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން