ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައްޔިތުންގެ ޚިދުމަތުގައި ތިބި ފަރާތްތަކުން ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިވުމާއި ޢަދުލުވެރިކަންމަތީ ތާއަބަދަށް ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.



އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފެއްޓެވުމާއި ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.



ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ނަގަހައްޓާ، ދިވެހިރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަޙަތު ރައްކާތެރިކޮށް، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، އަމާންވެށްޓެއް އެންމެހާ ރައްޔިތުންނަށް ޤާއިމްކޮށްދިނުން ކަމަށެވެ.

އަދި ފުލުހުންގެ ޚިދުމަތުގެ ޤާނޫނެއް ވުޖޫދުވެގެން އަންނައިރު، އެއީ އައު ފެށުމެއް ކަމަށާއި އެކަމަކީ އެންމެހާ ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ނާއިބް ރައީސް ސިފަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމުން އަޅުގަނޑުމެން އެ ބޭނުންވާ މަޤްޞަދު ހާޞިލެއް ނުކުރެވޭ ކަމަށާއި ޤާނޫނުގައި ބުނާގޮތަށް، ޤާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް ޢަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލްތަކާއި ޖަމްޢިއްޔާތަކާއި އަދި ރައްޔިތުންނާއި ގުޅިގެން ކުރިޔަށްދާއިރު، ކުށް ކުރުން ހުއްޓުވާ، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުންނަށް އެހީތެރިކަމާއި، އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެށްޓެއް ގާއިމުކުރުމަކީ އެންމެންގެ މަސްޢޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާޞިލްވުމަށްޓަކައި ދިވެހި އެންމެހާ ރައްޔިތުން މަސައްކަތްކުރުމަށް ނާއިބް ރައީސް އެދިވަޑަގެންނެވިއެވެ.

"މި ޤައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި ޢާއިލާއަކަށް ނިސްބަތްވާ، ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫން. ޤައުމުގައި ހުރި ހުރިހާ މައްސަލަތަކަކީ، އެ މައްސަލަތައް ހުރުމުން، އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް، އޭގެ ސަބަބުން ހިތާމަޔާއި، ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައް." ނާއިބް ރައީސް ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޢަދުލުވެރިކަމަކީ އިސްލާމްދީނުން އަޅުގަނޑުމެންގެ މައްޗަށް އެންމެބޮޑަށް ބާރުއަޅާ ކަންތައް ކަމަށާއި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އިންސާނީ ކަރާމާތް ރައްކައުތެރިކުރުމަށާއި މީހުންނަށް އިހުސާންތެރިވުމާއި ވަކި މީހަކަށްވީތީވެ އިންސާފު ލިބޭނޭކަމަށް ޤަބޫލުނުކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފުލުހުންގެ އައު ޤާނޫނު މިއަދު ވުޖޫދުވެގެންދިއުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޛުކުރުމާއި، އަމަންޢާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. މީގެއިތުރުން "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން