އަލްހާން އާއި ރައީސް ނަޝީދު
އަލްހާން އާއި ރައީސް ނަޝީދު
މިނިވަން މުވައްސަސާތަކުގެ ވެރިންނަށް ބިރު ދެއްކުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް، އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ މިކަމަށް ގޮވާލެއްވީ ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ނިއްމެވުމާއި ގުޅިގެން އޭނާގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގޮވާލެއްވުމާއި ގުޅިގެންނެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވަނީ މިނިވަން މުވައްސަސާތަކުގެ ވެރިންނަށް ބިރު ދެއްކުމާއި އިންޒާރު ދިނުން ހުއްޓާލުމަށް މަޖިލިސް ރައީސަށް ގޮވާލައްވާފަ އެވެ. ދައުވާކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން އެނގިވަޑައިގަންނަވާނީ ޕީޖީއަށް ކަމަށް އަލްހާން ވިދާޅުވިއެވެ.

"ދައުވާކުރަންވީ ކަންކަން އެނގިވަޑައިގަންނަވާނީ، ސަރުކާރާއި މަނިކުފާނު (ރައީސް ނަޝީދު) އަކަށް ނޫން." އަލްހާން ވިދާޅުވިއެެވެ.

ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލައިގައި މަގާމުން އިސްތިއުފާދެއްވަން ރައީސް ނަޝީދު ވިދާޅުވެ މެސެޖެއް ފޮނުއްވި ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

"ރައީސް ނަޝީދު އެކަންކުރައްވަނީ އެއްވެސް ފޮރުވުމެއް ނެތި. އަޅުގަނޑަށްވެސް މެސެޖުކުރި، ތި ވިދާޅުވާ މެސެޖު ހަމަ އެގޮތަށް ކުރެއްވި އަޅުގަނޑަށް. އިސްތިއުފާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އަޅުގަނޑު ކަންތައް ކުރާނަން. އެއީ ޕްރޮސެސްއެއް އޮންނަ ކަމެއް. އެ ޕްރޮސެސްގެ ތެރެއިން އެކަން ހިނގީމަ. އަޅުގަނޑު އަނެއްހެން މާބޮޑު ޝައުޤުވެރިކަމެއް ހުރީއެއްނޫން މިމަޤާމުގައި ހުންނާކަށް. އެކަމަކު އަޅުގަނޑު ކުރަން ނުޖެހޭކަމެއް އަޅުގަނޑު ނުކުރާނަން." ޕީޖީ ޝަމީމް ވިދާޅުވިއެވެ.



ޕީޖީގެ އިތުރުން، އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން