ރާއްޖޭގައި ބޭއްވި ކޮންމެ އިންތިޚާބަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ދީފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތަށް ޢުމުރު ހަމަވާ މީހުންނަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތަކެއް ހައްގުތަކަކާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުން ކަށަވަރުކޮށްދޭ އެތަކެއް ހައްގެއް ނިގުޅައިގަތުމަށްފަހު ބާއްވާ އިންތިޚާބެއް ދުސްތޫރީގޮތުން ޞައްޙަ ނުވާނެކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވުމާއި ގުޅިގެންނެވެ.



ފަނޑިޔާރު ދީދީ ވިދާޅުވީ ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއިއެކު ލޯކަލް ކައުންސިލް އިންތިޚާބު އެއް އަހަރުގެ މުއްދަތަށް ފަސްކުރުމަށް ފާސްކުރެވުނު ޢައިރު ދުސްތޫރީ ވަޤުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި 18 އަހަރު ފުރި ވޯޓު ލުމުގެ ހައްގު ލިބިދޭ މީހުންގެ އެހައްގު ވަނީ ނިގުޅައިގެންފައި ކަމަށެވެ. މިއީ ޤާނޫނީ ގޮތުން ބޮޑެތި ސުވާލު އުފެދޭ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ތަޢާރަޒުވާ ކަންކަމަށް ވާއިރު މިހާލަތުގައި ބޭއްވޭ އިންތިޚާބެއް ސައްހަވާނެ ގޮތެއް ނޯންނާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ދީދީ ގެ ވާހަކަތަކަށް ރައްދެއްވަމުން ޝަރީފް ވަނީ ވޯޓުލާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުންނަށް އިންތިހާބުގައި ކުރިމަތިލުމަށް ފުރުޞަތު ދެވިފައިވަނީ މިހާތަނަށް ކޮން އިންތިޚާބެއްގައިތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، ކޮންމެ އިންތިޚާބެއްގައިވެސް ފުރުޞަތު ދެނީ، އިންތިޚާބަށް ކުރުމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އުމުރު ހަމަވާ ފަރާތްތަކަށް ކަމަށެވެ.



"މިހާތަނަށް ރާއްޖޭގައި ބޭއްވުނު ކޮން އިންތިޚާބެއްގައިތޯ ވޯޓުލާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތީ؟ ކޮންމެ އިންތިޚާބެއްގަވެސް ކުރުމަތިލުމަށް ހުޅުވާލެވޭ މުއްދަތުގަ އުމުރު ހަމަވާ ފަރާތްތަކަށް ކުރިމަތިލެވޭނީ." އީސީ ގެ ރައީސް ވިދާޅުިވިއެވެ.

ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 10 އެޕްރީލަށް 18 އަހަރު ފުރޭ މީހުންނަށާއި އެ ތާރީޚާ ހަމައަށް 18 އަހަރު ފުރިފައިވާ މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއެކު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަކެއް ހައްގުތަކެއް ނިގުޅައި ގެނަވިފައިވާކަމަށާ މިހާލަތުގައި ކައުންސިލް އިންތިޚާބު ބާއްވާއިރު، ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށާއި، ޕާޓީތަކަށާއި، އަދި ވޯޓުލުމަށް ޤާނޫނު އަަސާސީން ކަށަވަރުކޮށްދޭ ހައްގުތައްވެސް، ކަށަވަރުކޮށްދޭން ޖެހޭނެކަމަށް ޑރ. އަބްދުﷲ ދީދީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން