އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ.
ބަނޫ އިސްރާއީލް މީހުން އުފައްދާ ޒާތުގެ ސުވާލު ނުއުފައްދަވަން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ  ގޮވާލައްވައިފިއެވެ.

ފަނޑިޔާރު ދީދީ މިހެން ވިދާޅުވީ، ވޯޓުލާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުންނަށް އިންތިހާބަށް ކުރިމަތިލުމަށް ފުރުޞަތު ދެވިފައިވަނީ މިހާތަނަށް ކޮން އިންތިޚާބެއްގައިތޯ ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ސުވާލު ކުރެއްވުމާ ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ، ކޮންމެ އިންތިޚާބެއްގައިވެސް ވާދަކުރަން ފުރުޞަތު ދެނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އުމުރު ހަމަވާ ފަރާތްތަކަށް ކަމަށެވެ.

ޝަރީފްގެ ސުވާލަށް ރައްދުދެއްވައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވަނީ، ‏"ބަނޫއިސްރާއީލް މީހުން އުފައްދާ ޒާތުގެ ސުވާލު" ނުއުފައްދަވަން ޝަރީފަށް ގޮވާލައްވާފައެވެ. އަދި އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަށް އިންތިހާބު ފަސްކުރެވިގެންދިޔަ އިރު، ‏އިންތިޚާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަކާ ނުލައި، ވޯޓުލާ މީހުންގެ ލިސްޓު އަޕްޑޭޓް ކުރުމަކާ ނުލައި ޤާނޫނުއަސާސީން ލާޒިމްކުރާ އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ ވިދާޅުވެ ޢަބްދުﷲ ދީދީ ވަނީ ޝަރީފަށް އަނެއްކާވެސް ސުވާލެއް ކުރައްވާފައެވެ.

"‏ބަނޫއިސްރާއީލް މީހުން އުފައްދާ ޒާތުގެ ސުވާލު ނުއުފައްދަވާ އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރެއްވުން ރަނގަޅުވާނެ! ދިމާވި "ނެސެސިޓީ" ގެ ޙާލަތެއްގެ ސަބަބުން އިންތިޚާބު 1 އަހަރުގެ މުއްދަތަށް ވުރެ ބޮޑަށް ފަސްކުރެވިގެންދިޔަ އިރު، ‏އިންތިޚާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަކާ ނުލައި، އަދި ވޯޓުލާ މީހުންގެ ލިސްޓް އަޕްޑޭޓް ކުރުމަކާ ނުލައި ޤާނޫނުއަސާސީން ލާޒިމްކުރާ އިންޞާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ؟!" ފަނޑިޔާރު ދީދީ ވިދާޅިވިއެވެ.

ކޯވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރު ބޭއްވުމަށް މަސައްކަތްކުރި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބު ޚާއްސަ ޤާނޫނެއްގެ ދަށުން ވަނީ ފަސްކޮށްފައެވެ. އަދި ކައުންސިލް އިންތިޚާބު އެއް އަހަރު ފަހުން ބޭއްވޭގޮތަށް މަގުފަހިކޮށް އެކުލަވާލި ޤާނޫނުގައި ބުނެފައި ވަނީ އިންތިޚާބުގައި ވާދަކުރެވޭނީ ކުރިން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.

ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރާއިރު، އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން