ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިރޭވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މިގޮތުން މިރޭ 7:30އިން ފެށިގެން މެންދަމު 12:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނުވަތަ ހުދު ސަމާލު ވަނީ ނެރެފައެވެ. އަދި އެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، ގާތްގަނޑަކަށް ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އަދި މިރޭ 7:45އިން ފެށިގެން މިރޭ 11:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނުވަތަ ރީނދޫ ސަމާލުވެސް ވަނީ ނެރެފައެވެ.

މީގެއިތުރުން މިރޭ 8:00އިން މާދަމާ ހެނދުނު 8:00އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް އެއިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ދާރާއިން ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާ، ރާޅުގެ އުސްމިންގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމަށް ސަމާލު ވުމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ އިތުރުން ގައުމީ ދިފާއީ ބާރުންވެސް ވަނީ މީގެ ކުރިން އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން