ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށް ބިރުދައްކާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ ވިދާޅުވީ ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކުރާއިރު، ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ބުނެދީ، ސާބިރުކޮށްދޭން ޖެހޭކަމަށެވެ. އަދި އޭނާއަށް ފެނިވަޑައިގެންނެވި ތަނުގައި ސަރުކާރުން އަބަދުވެސް މުއައްސަސާތަކަށް އެއްބާރުން ދޭކަމަށާއި، އަދި މުއައްސަސާއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް ފެނިވަޑައި ނުގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



ސަރުކާރުން މުއައްސަސާތަކަށް ބިރު ދައްކާކަމަށް ބުނާ ވާހަކަތައް ރޮޒައިނާ ދޮގުކުރަށްވާފައި މިވަނީ، ކޯވިޑާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ހިނގި ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމީ ސަރުކާރުގެ ނުފޫޒުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ ނުބަލަން ނިންމުމުން ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވަނީ މިސަރުކާރުން ވައްކަން ކުރުމުގައި ބައިވެރިވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުމުން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވަނީ ޕީޖީ އޮފީހަކީ ރައީސް އޮފީހުގެ ޑިވިޒަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވެންޓިލޭޓަރ ކޮރަޕްޝަންގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ނުކުރަން ނިންމުމުން ރައީސް ނަޝީދުގެ ފާޑުވިދާޅުވުން ތަކާއެކު ރައީސް އޮފީހުން ވަނީ އެވާހަކަތައް ދުފާޢު ކުރުމަށް ނޫސް ބަޔާނެއް ވެސް ނެރެފައެވެ. އެއޮފީހުގެ ބަޔާނުގައި މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން