އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   28 މާރިޗު 2021 - 14:29
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޝިފާގެ މައްޗަށް ދައުވާކުރަން ފޮނުވީ މާލޭ އަޑިޕާކު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކުރި ލޮނުޒިޔާރަތް ޕާކު ތަރައްގީ ކުރުމުގެ ތެރޭގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެކޮމިޝަނުން ހިންގި ތަހުގީގަށް ފާހަގަކުރެވިގެން ނެވެ.

ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ދިރާސާކުރުމަށްފަހު އިތުރަށް ބައެއް ކަންކަން ފުރިހަމަ ކުރުމަށް ކަމަށްބުނެ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލިއެވެ. އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކޮށްގެން އޭސީސީއިން ދައުވާ ކުރަން ފޮނުވުމުން، ޖިނާއީ ދައުވާއެއް ސާބިތުކުރެވޭނެ އުންސުރު ހަމަނުވާކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.



މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ ދެ ފާހާނާބަރިއާއި ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީއާއި ލައިފްގާޑް ޓަވަރެއް ރެނޮވޭޓް ކުރުމާއި ގާޑަން ބްރިޖް ހަދައި އިންސްޓޯލް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ވެސް ނެތި އަދި ވާދަވެރި ދެ ފުށްފެންނަ އުސޫލުން ނޫން ކަމަށް ޝިފާގެ މައްސަލަ ތަހުޤީގު ކުރުމަށްފަހު އޭސީސީން ކުރިން ނެރުނު ބަޔާނުގައި ވެއެވެ.

މި މަސައްކަތަށް ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލު ކޮށްގެން ކުރުވާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށާއި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ޝިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް ދެ ފާހާނާބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ޝިފާ، ބިޑް ކޮމިޓީއަށް މެމޯ ފޮނުވާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އަދި މި މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށާއި އެ އަމަލަކީ އަމީން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ތަކެއް ގަތުމަށް ކުރި މަސައްކަތުގައި ކޮރަޕްޝަނުގެ ތުހުމަތު ތަކެއް ކުރެވޭތީ އެމައްސަލަ އޭސީސީން ތަހުގީގުކޮށް ދެފަހަރެއްގެ މަތީން މައްސަލަ ޕީޖީއަށް ފޮނުވުމުންވެސް ޕީޖީން ނިންމާފައިވަނީ އެމައްސަލައިގައި ދަޢުވާ ނުކުރުމަށެވެ. މިމައްސަލައިގައި ފާޑުކިޔަމުންދާ ފަރާތްތަކުން ބުނަމުން ދަނީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރުގެ ތެރެއިން ބައެއް ފަރާތްތަކާއި މެދު ކުރެވޭ އެފަދަ ކޮރަޕްޝަނުގެ ތުހުމަތުތައް ބެލުމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ކޮވިޑާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާއި މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ނުބަލާން ވެގެން އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލި ކަމަށް ބުނާ މައްސަލަ ފަދަ އެތައް މައްސަލަ ތަކެއް އެފަދަ ފަރާތްތަކުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން