ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާނުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ތާވަލްކޮށްފި އެވެ.

ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކޮށް ދައުވާކުރަން ފޮނުވި ވެންޓިލޭޓަރުތައް ގަތުމުގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕީޖީއަށް ފޮނުވުމުން ޕީޖީ އިން ނިންމީ އެމައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިފައިނުވާކަމަށެވެ.



ނަމަވެސް އެ މައްސަލަ ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާތަކާ އެކުގައި ކަމަށް ބުނެ އޭސީސީން މައްސަލަ ރިވިއުކޮށްދޭން އެދުނެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ބަލާ، ޕީޖީގެ ނިންމުން އަލުން މުރާޖާކޮށްދިނުމަށް އެދި ހުށައެޅުމުން، އަލުން ރިވިއު ކުރުމަށްފަހު ވެސް ޕީޖީއިން ނިންމީ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށެވެ.

މި ބައްދަލުވުން ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައި ބާއްވާ ގޮތަށެވެ.

މިމައްސަލަ ކުއްލިއަކަށް މިހާ ހޫނުވެގެން ދިޔައީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު މިކަމުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންނެވެ. ވެންޓިލޭޓަރު ކޮރަޕްޝަންގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމުމުން ރައީސް ނަޝީދު ވަނީ ޕީޖީއާއި އޭސީސީގެ ރައީސާ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ. މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި މަތި ޖެހިޔަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށެވެ. އަދި މި ކަމުގައި ދޫ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ވައްކަން ކުރާ ސަރުކާރަކާއި އެކު އެމްޑީޕީ އޮންނާން އެދިވަޑައި ނުގަންނަވާ ކަމަށެވެ.



މައްސަލަ ބޮޑުވެ ރައީސް އޮފީހުންވެސް އިއްޔެ ވަނީ ނޫސްބަޔާނެއް ނެރެފައެވެ. މި މައްސަލައިގައި އެމްޑީޕީ ތެރޭގައިވެސް ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވެންޓިލޭޓަރތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ހިންގި މުޢާމަލާތްތަކާއި ގުޅޭގޮތުން، "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް" ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް ހުށަހެޅީ ސަރުކާރުން ކަމަށެވެ. އެގޮތުން އެފަދަ މައްސަލަތައް ބެލުމަށް މުއައްސަސާ ތަކަށް ސަރުކާރުން އެބާރުލުން ދޭ މިންވަރާއި އެފަދަ މައްސަލަތައް ބަލާ އިދާރާ ތަކަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން