ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ
ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ
މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހަންމަދު ނަޝީދު ވާހަކަ ދެއްކެވީ އެމްޑީޕީގެ ކުށެއް ނެތްކަން ދައްކައި ރައްޔިތުންނަށް އޮޅުވާލަން ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތަކެއް ގަތުމުގައި ހިންގި ޚިޔާނާތުގައި ސަރުކާރުން ބައިވެރިވެފައިވާކަމަށާއި، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާން އެދިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިވެންޓްގައި ރޭ ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީން އޮންނަން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ސަރުކާރުގެ ރައީސް އަކަށް ހުންނެވި ބޭފުޅަކީ އެމްޑީޕީގެ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު ސާފު އަޣުލަބިއްޔަތު އެމްޑީޕީގައި އެބައޮތް ކަމަށެވެ.

މިނިވަން މުވައްސަސާތަކަށް ބޭފުޅުން އައްޔަންކޮށްފައިވަނީ އެމްޑީޕީން ކަމަށާއި، މުޅި ސަރުކާރުގެ ކޮންޓްރޯލް އެޕާޓީގައި އޮތްއިރު އެމައްސަލަތައް ނުބެލީ ކީއްވެތޯ އަދުރޭ ވަނީ ސުވާލު އުފައްދަވާފައެވެ. މީގެއިތުރުން ރައީސުލްޖުމުހޫރިއްޔާ މަގާމުން ވަކިކުރުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު އެމްޑީޕީގެ މެމްބަރުންނަށް އޮތްކަން އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންވީއިރު މިސަރުކާރު ނިމުމަކަށް ގެންނަންވީނޫންތޯ، ގާނޫނީ އިމުގެ ތެރެއިން މިކަން ކުރަން (ރައީސް މަގާމުން ވަކިކުރުން) އެންމެ ފަސޭހައީ އެމްޑީޕީއަށް، މާދަމާ ވައްދަންވީ މައްސަލަ ރައީސް ސޯލިހު ގާނޫނާއި ޚިލާފުވެގެން ހުވަޔާއި ޚިލާފުވެގެން ރައީސް ސޯލިހްގެ ސަރުކާރުން ވައްކަންކޮށްގެން އެމައްސަލަތަށް ނުބެލިގެން އިތުބާރު ނެތްކަމުގެ ވޯޓް ނެގީމަ މިސަރުކާރު ދިޔައީ ނޫންތޯ؟" އަދުރޭ ވިދާޅުވިއެވެ.

ރައީސް ސޯލިހް ހުވައާއި ޚިލާފުވެވަޑައިގެންފައިވާތީ ސްްޕްރީމް ކޯޓުން އެމަނިކުފާނު މަގާމުން އަޒަލު ކުރަންޖެހޭ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. ވައްކަން ކުރާ ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލައި ހައްދަން ކަމަށާއި، އެދަލުގައި ރައްޔިތުން ނުޖެހުމަށް އަބުދުއްރަހީމް ގޮވާލެއްވިއެވެ.

"އެމްޑީޕީގެ ނިޔަތަކީ އެމްޑީޕީގެ ކުށެއް ނެތްކަން ދައްކައި އެޕާޓީއަކީ ސާފު ހުދުފޮތިކޮޅެއްކަން ދެއްކުން އެމްޑީޕީއަކީ ވައްކަންކުރާ ބައެއް ނޫންކަން ދެއްކުން، ސަރުކާރުގެ ތިބި އެހެން މީހުންނޭ ވައްކަން ކުރަނީ، ރައީސް ނަޝީދު އެ ދައްކަވަނީ އެއްވެސް ތާކު ތާކުންޖެހޭ ވާހަކަ އެއް ނޫން، އަޅުގަނޑު ރައްޔިތުންނަށް ދަންނަވާނީ ކޮންމެ ހެއްލުމަކީ ގެއްލުމެކޭ، މިމަކަރުވެރި ރޭވުންތެރި ދަލުގައި އަޅުގަނޑުމެން ނުޖެހެމާ ހިގާށޭ." އަބުދުއްރަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު