އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   28 މާރިޗު 2021 - 19:45
މިދިޔަ އަހަރު ބާއްވަން ކުރިން ތަވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބު ފަސްކުރުމުގެ ސަބަބުން އިތުރު ފަސް ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.



ކޯވިޑް-19އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ފުރަތަމަ ތާވަލުކުރި އިންތިޚާބު މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށް މިހާރު ވަނީ ފަސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އަންނަ މަހު ބާއްވާ އިންތިޚާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓް އިޞްލާހުކުރުމުން، ފައިނަލް ލިސްޓުގައިވާ ގޮތުން މިހާރު 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށެވެ. އޭގެތެރެއިން 5،134 މީހުންނަކީ އިންތިޚާބު ފަސްކުރުމުން 18 އަހަރު ފުރިގެން ވޯޓު ލެވޭ މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އިސްލާހު ކުރެވުނު ފައިނަލް ލިސްޓް މިހާރު އާންމުކޮށްފައިވާނެކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބުގައި ޖުމްލަ 3،934 ކެނޑިޑޭޓުން ވާދަކުރާ އިރު އެ އިންތިޚާބުގައި 7700 އޮފިޝަލުން ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށް އީސީން މައުލޫމާތު ދެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިންތިޚާބު ބާއްވަން އީސީއަށް ލާޒިމުވާއިރު އެކަމުގެ ސަބަބުން އިންތިޚާބަށް ބޮޑު ޚަރަދެއް ހިނގާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން