ރ. މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ މިކަމާއި ގުޅޭ ސިޓީއެއް ޖެންޑާ މިނިސްޓަރަށް ރައްދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ މައްސަލަތައް ވީހާ ވެސް އަވަހަށް ބަލާ ފިޔަވަޅު އެޅުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.



މުޒާހަރާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ، މިކަމުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރަމުންދާކަމަށް މައުލޫމާތު ލިބޭއިރު، އެމީހުން ދޫކޮށްފައި ތިބުމަކީ ލިބޭ ވަރަށް ބޮޑު ނުތަނަވަސް ކަމެއްކަަމަށެވެ. އަދި މިކަމުގައި ސަރުކާރުން މިހާތަނަށް އަަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޖެންޑަރު މިނިސްޓަރުކަމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަކުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް ޙައްލު ލިބެމުންދޭތޯ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ވެސް ވަނީ ސުވާލު އުފައްދަވައިފިއެވެ.



ރ. މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ އިތުރު ކަންކަން ބެލުމަށްޓަކާ، އަނިޔާ ލިބުނު އެ ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އަދި ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

މަޑުއްވަރީގައި ޢުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިމައްސަލާގައި ރޭޕްކުރި މީހުން ހައްޔަރުކުރުމަށް ގޮވާލަމުންދިޔަ މީހުންގެ ތެރެއިން 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން، ޑިޕާޓްމަންޓުން މި މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން