ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންނަކީ މަޖިލީހުގެ ރަޙުމަތުގެ ދަށުގައިވާ ޕަޕެޓުންތަކެއް ނޫންކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހޫނު ރައްދެއް ދެއްވައިފިއެވެ.



ފަނޑިޔާރު ދީދީ މިހެން ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން ފާސްކޮށް އެންޓި-ކޮރަޕްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވި ފަސް މެންބަރުންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ގޮތެއް ނިންމުމަށް މިއަދު ވޯޓަށް އަހަން މަސައްކަތްކޮށް ގޮތެއް ނުނިންމުމުން، އެކަމަށް ފާޑުވިދާޅުވެ އެވެ.

"ޤާނޫނުއަސާސީގައިވާ “ambiguous” ޢިބާރާތްތައް އިޞްލާޙު ކުރެވިގެން މެނުވީ މަޖިލީސް މެންބަރުން ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށް ގާނޫނު އަސާސީ އާ ޚިލާފަށް ހިންގާ ޢަމަލުތައް ނުހުއްޓުވޭނެ!" ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

އޭސީސީގެ ފަސް މެންބަރުން މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށައެޅީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)އެވެ. އަދި އޭސީސީގެ ހުރި މައްސަލަތައް ބެލުމަށް ޕީޖީ ގްރޫޕަށް ހުށައެޅީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.

އޭސީސީގެ މައްސަލަތައް ބަލައި، މެންބަރުން މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ފަށާފައިމިވަނީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، ދައުވާނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވުމާ ގުޅިގެންނެވެ. ޕީޖީ ޝަމީމު ވިދާޅުވަނީ އޭސީސީން ތަހުގީގުކޮށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

މިމައްސަލާގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ނުރުހުމާއި ފާޑުކިއުން އޭސީސީއަށާއި، ޕީޖީއަށް ވަނީ އަމާޒުވެފައެވެ. އެމައްސަލާގައި އޭސީސީގެ މެންބަރުން އަދި ޕީޖީ އިސްތިއުފާދެއްވުމަށް ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. މަޖިލީހުގެ ރައީސްވެސް ވަނީ ޕީޖީ ޝަމީމް އިސްތިއުފާދެއްވުމަށް ގޮވާލައްވާފައެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލައިގައި ރައީސް ނަޝީދު ވަނީ މިސަރުކާރުން އެފަދަ ވައްކަންތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީން ނޯންނާނެކަމަށްވެސް ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވެއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގްކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އިސްވެ ހުށައެޅީ ސަރުކާރުންކަމަށް ބުނެފައެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަމަށާއި، އެ މުއައްސަސާތަކުން މައްސަލަތައް ތަހުގީގްކުރަމުން ގެންދަނީ މިނިވަންކަމާ މުސްތަގިއްލުކަމާއެކު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން