މިމަހު ރާއްޖެ އައި އެއްލައްކަ ވަނަ ފަތުރުވެރިޔާ.
މިމަހު ރާއްޖެ އައި އެއްލައްކަ ވަނަ ފަތުރުވެރިޔާ.
މާޗް މަހު ރާއްޖެއައި 100،000 ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ.

މިއާއެކު މިއަހަރުގެ މާޗް މަސް ވެގެން ދާނީ، މިއަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހަށެވެ. މީގެ އިތުރުން ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު، މިދިޔަ އަހަރުގެ ޖުލައިމަހު ބޯޑަރު އަލުން ހުޅުވާލި ފަހުން، އެއްމަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި މަހުގެ ގޮތުގައި ވެސް މިއަހަރުގެ މާރޗް މަސް ވެގެން ދާނެ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިމަހު ރާއްޖެ އައި އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. ހަނާ މުހައްމަދު އަހުމަދު ކަމެލް މުސްތަފާ ނަމަކަށް ކިޔުނު މި ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ އެމިރޭޓްސް ފްލައިޓުން، މިސްރުންނެވެ. ހަނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާނީ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގާ ރިސޯޓުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްލައްކަ ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އަދި ފެބްރުއަރީމަހު 96882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާ، ރަޝިއާ، ޔޫކްރޭން، ކަޒަކިސްތާނު އަދި ޖަރުމަނުންނެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3295 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 1،017 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 159 ރިސޯޓަކާއި، 13 ހޮޓެލް އަދި 158 ސަފާރީގެ އިތުރުން 687 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 52،852 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 37،140 އެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން