ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރާއްޖެއަށް މިހާރު ބޭނުންވަނީ 3000 ސޯޝަލް ހައުސިން ޔުނިޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން މީހުންނަށް ފްލެޓް ދިން ގޮތް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ފްލެޓް ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ބެހޭ ކޮމިޓީން ބަލައި ދިރާސާކޮށް އެކުލަވާލި ރިޕޯޓްގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ރާއްޖެއަށް މިހާރު ބޭނުންވަނީ 3000 ސޯޝަލް ހައުސިން ޔުނިޓް ކަމަށެވެ. ބޯހިޔާވަހިކަން ހޯދުމަށް އެއްވެސް އެއްޗެއް އަތުން ދެއްކެން ނެތް ބަޔަކު ވެސް އެބަތިބިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ މީހުންނަށް ވެސް ދައުލަތުން ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށެވެ.

މަހެއްގެ މައްޗަށް 5000 ރުފިޔާ ދައްކައިގެން ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ވެސް ހޯދަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސޯޝަލް ހައުސިންގެ މަޝްރޫއުތައްް ލޯނު ނަގައިގެން ހިންގުމުގެ ބަދަލުގައި ކްރޮސް ސަބްސިޑައިޒް ކޮށްގެން ހިންގޭނެ ކަމަށެވެ.

"ކޮންޓްރެކްޓަރަށް ކްރޮސް ސަބްސިޑައިޒް ކޮށްގެން 6000 ރުފިޔާ އަށް ވެސް ފްލެޓެއް، ސޯޝަލް ހައުސިންއެއް، ކަނޑައެޅުއްވޭނެ. އަދި އެއަށްވުރެ ހެޔޮކޮށް ވެސް ކަނޑައެޅުއްވޭނެ. ލޯން ނަގައިގެން އަޅުގަނޑުމެން ކުރާންވީ ކަމެއް ނޫނީ މިއީ އެއް. މިއީ ކޮމާޝަލް މަސައްކަތެއް. މިއީ މި ދިވެހިރާއްޖޭގައި ކުރުވާފައި އޮތް މަސައްކަތެއް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރުން 15،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ގެންދާ ކަމަށެވެ. ދެ އެއްބަސްވުމެއްގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށާއި، ބާކީ ހުރި އެއްބަސްވުންތަކާ ގުޅޭ މަސައްކަތްތައް ވެސް ހިނގަމުންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނު ހިޔާ މަޝްރޫއުގައި ހިމެނޭ 7000 ފްލެޓްގެ ނުނިމިވާ 54 ޕަސެންޓް މަސައްކަތްވެސް ނިންމަމުން ކަމަށާއި އެއީ ވެސް ކުޑަ މަސައްކަތެއް ނޫން ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދި ކޮންޓްރެކްޓަކުން އިމާރާތްކުރި ބޯހިޔާވަހިކަމަކަށް އަދި އެއް އެއްވެސް ރައްޔިތަކަށް ނުވަދެވޭ. އެކަން ކުރެވޭތޯ އަޅުގަނޑުމެން މިއުޅެނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން