ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ބައިނަލްއަޤްވާމީ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރ އިންވެސް ކުދި ޖަޒީރާ ޤައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދީ، ހަކަތަ އިޤްތިޞާދުކޮށް ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއާއި ބާބެޑޯސްގެ ދާއިމީ މިޝަން ގުޅިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ވިޔަފާރިއާއި ތިމާވެއްޓާއި ގުޅޭ ގޮތުން ބޭއްވި ހައި-ލެވެލް ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ދުނިޔެ ހޫނުވުމާ، ޤުދުރަތީ ކާރިސާތަކާ، ކަނޑުގެ ދިރުންތައް މަރުވުމާ، ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ ކަންކަމުގެ ސަބަބުން ޖަޒީރާ އާބާދިތަކާއި އައްސޭރިފަށުގައި ދިރިއުޅޭ އާބާދީތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް އެކަމުގެ ސަބަބުން ހުރަސް އެޅޭކަމަށެވެ. އަދި މިހާރު ގިނަ ވަމުން އަންނަ ޤުދުރަތީ ކާރިސާތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ޤައުމުތައް ފުރިހަމައަށް ތައްޔާރު ނުވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އެގޮތުން ކުދި ޖަޒީރާ ޤައުމުތަކުން އާމްދަނީ އާއި ވަޒީފާ އަށް ބަރޯސާވަނީ ސާފު، ދެމެހެއްޓެނެވި ތިމާވެއްޓާއި ގުޅިފައިވާ ކަންކަމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ގެންގުޅުމަށް ކުރެވޭ މަސައްކަތުގައި، ތިމާވެއްޓާއި ރައްޓެހި ވިޔަފާރީގެ އާދަތައް ޕްރޮމޯޓްކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިފަދަ މިސާލެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަން ނަންގަވައި، ޒަމާންތަކެއް ވަންދެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ބާނާ އެއްވެސް އެއްޗެއް އުކާ ނުލައި، ކޮންމެ އެއްޗަކީ ކޮންމެވެސް ބޭނުމެއް ހިފޭ އެއްޗެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ތިމާވެއްޓާއި ރައްޓެހި މިފަދަ ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ފުރުސަތު ހޯދައިދިނުމަށް ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން