ލައިސަންސު ނެތި ދުއްވައިގެން ޖޫރިމަނާކޮށްފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ހުށަހެޅުއްވި މިމައްސަލާގައި ވަނީ ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ވައިލޭޝަންތަކާއި ގުޅިގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ލައިސަންސް އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ފަރާތެއް އެބަ ތިބިކަމަށެވެ.



އެގޮތުން 2019 ވަނަ އަހަރު 2365 ފަރާތެއް، އަދި 2020 ވަނަ އަހަރު އެފަތަ 2658 ފަރާތް ޖޫރިމަނާ ކޮށްފައިވާއިރު މީގެ ތެރޭގައި ޢުމުރުން 18 އަހަރު ނުފުރޭ 330 ކުދީން އެބަ ތިބިކަމަށް މައްސަލައިގައި ބުނެފައި ވެއެވެ. މިފަރާތްތަކުގެ ތެރެއިން އެތައް ބަޔަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާ ކުރުމުގެ ސަބަބުން އެތައް ހާސް ރުފިޔާއެއް ދައްކަންޖެހި އެހެން ނަމަވެސް އެ ޖޫރިމަނާ ދައްކާނެ ގޮތެއް ނެތިފައި ތިބި ޒުވާނުންކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ޤާނޫނީ ގޮތުން މިކުދިންނަށް ހޯދޭނެ ހައްލަކާއި ގުޅޭގޮތުން ،އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަަށުން ޖޫރިމަނާކުރެވޭ ފަރާތްތަކުގެ ތެރެއިން، ޖޫރިމަނާގެ ޢަދަދު 10،000.00 (ދިހަހާސް ރުފިޔާ) އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ހަސަން ހުށައެޅުއްވި މައްސަލައިގައި ވެއެވެ.

ކޯޓުން ނެރޭ އަމުރާއި ގުޅިގެން ހަދާ ގަވާއިދުގައި 6 ކަމެއް ހިމެނުމަށް ހަސަން ވަނީ ހުށަހަޅުއްވާފައެވެ.

1- ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި;

2- ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުމާއި;

3- އެމަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނޭ އުޞޫލު ބަޔާންކުރުމާއި;

4- ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުޠުކުރެވުމާއެކު އެފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކުރުމާއި;

5- ދައްކަންޖެހި ނުދައްކާވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުޞޫލު ބަޔާން ކުރުމާއި;

6- ޖޫރިމަނާ އެކުގައި މަޢާފްކުރެވޭނޭ ހާލަތްތައް ބަޔާން ކުރުން; ހަސަން ހުށައެޅުއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މިމައްސަލަ ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ޒުވާނުން މުޅި ހަޔާތް މި ޖޫރިމަނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މިކުދިންނަށް އަވަސް ހައްލެއް ލިބުމަކީ ޤާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތެއްކަމަށެވެ. އަދި އެފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް ވެސް ހަސަން ލަތީފު ފާހަގަ ކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން