އެމްޑީޕީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް
އެމްޑީޕީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތައް އިދިކޮޅު ޕީޕިއެމަށް ލިބިއްޖެނަމަ ވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި އެމްޑީޕީން ކުރި މަސައްކަތް ފަނުފުލުންދާނެ ކަމަށް އެމްޑީޕީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް ރޭ ވިދާޅުވެއްޖެއެވެ.

ވާރޗުއަލްކޮށް ރޭ ކުރިއަށް ގެންދިޔަ ހއ ބާރަށުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރ މުހަންމަދު ޝިފާޒް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތާއި ވައްޓަފާޅި ގަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ކަމަށެވެ. އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވަނީ އެޕާޓީއަކީ ގުޅި ލާމެހިފައިވާ މެނިފެސްޓޯއަކަށް ވޯޓް ހޯދާ ބަޔަކަށް ވާތީ ކަމަށާއި، އެބުރު ފުރިހަމަ ކުރެވޭނީ ރައްޔިތުންނާއި ހިސާބުން ކުރެވޭ މަސައްކަތްތަކެއްގައި އެރައްޔިތުންގެ ތާއިދާއި މަދަދުވެރިކަން ލިބުމުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.



އެ ބުރު ފުރިހަމަ ކުރުމަށްޓަކައި އެމްޑީޕީގެ ސިޔާސަތާއި ވައްޓަފާޅި ގަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް ރައްޔިތުން އިންތިޚާބު ކޮށްދޭންޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ އެޖެންޑާ-19 އިން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ބާރަކީ އަމިއްލަ ބަސްބުނުމުގެ ބާރު ރައްޔިތުންނަށް ލިބިގެންދިޔުން ކަމަށެވެ. އެގޮތުން ބާރަށުގެ ރައްޔިތުން ދިރިއުޅޭ ފަސްގަނޑާއި ކަނޑުގެ ސަރަހައްދަކީ ރަށުގެ ރައްޔިތުންގެ މިލްކެއް ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"މިހާރު 750 މީޓަރު ފަޅުގެ ސަރަހައްދު ނުވަތަ ކަނޑުގެ ސަރަހައްދު އެއީ ތިބޭފުޅުންގެ ތަނެއް ތިބޭފުޅުންގެ ތަނެއް ބޭނުން ގޮތެއް ހަދަންވީ ބޭނުން އިގްތިސާދެއް ހިންގަންވީ، ބޭނުން ތަރައްގީގެ ޕްރޮގުރާމެއް ހިންގަންވީ، އެއިގެ އަތްއަޅާނެ ބަޔަކު އިރާދަކުރެއްވިޔާ ދެން ނުތިބޭނެ، އެހުރިހާ ބާރެއް ރާއްޖޭގެ ރަށްތަކަށް، ކައުންސިލްތަކަށް މި ދޫކޮށްލަނީ، އެބާރުތަށް ދޫކޮށްލާ ވަގުތު ބާރަށުގައި ކުރަން ހުރި ކަންކަން ކުރުމަށްޓަކައި ބާރަށަށް މިކަން ނުދަންނަ މިއާއި ބީރަށްޓެހި މީގެ ވައްޓަފާޅި ނެތްބަޔަކު ކައުންސިލަށް އިންތިޚާބުކޮށްފިއްޔާ ތިބޭފުޅުންގެ ހަޔާތުގައި ވޭތުވެ ދިޔަ 14 އަހަރު މިޕާޓީއާއިއެކު ކުރި މަސައްކަތް ހަގީގަތުގައި ވެސް ފަނުފުލުންދާނެ، އެޖާގަ ނުދެއްވަންވީ މި ލިބުނު ރަނުގެ ފުރުސަތު ނަންގަވާނުލަންވަންވީ." ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާޒް ވިދާޅުވީ، ވޭތުވެ ތިޔަ 14 އަހަރުގެ ތެރޭގައި އެމްޑީޕީގެ ތިލަފަތަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގެ ޕާޓީގެ ލޯގޯ އެކި ގޮތްގޮތަށް ބަދަލު އައިސްފައިވާ ކަން ފާހަގަކުރަށްވައި ޝިފާޒް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"14 އަހަރުގެ ތެރޭގައި ތިލަފަތެއް ބަދަލެއް ނުވޭ، ދެންތިބި ހުރިހާ ޕާޓީއެއް ބައްލަވާ އެއްފަހަރު ފިނިފެންމަލަކަށް އަނެއް ފަަހަރު ބަޅު ރުކަކަށް އަނެއް ފަހަރު ގޮށްމުށް ކަވާފައި ހުންނަ އަތަކަށް، އެއެއް ނޭނގޭ، ސާފެއް ނުވޭ، ކޮންއެއްޗެއް ކަންވެސް ބައެއް ފަހަރު. އެމްއެމްޕީއާރުސީ ޖަހައިގެން ނުކުންނާނެ، ޕީޕީއެމް ޕީއެންސީ، އެކަމަކު ތިލަފަތް ބަދަލެއް ނުވޭ ނޫންތޯ؟" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒު މިމޭރުމުން ވާހަކަ ދައްކަވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބުތައް ވިދާޅުވެފައިވާއިރު އިދިކޮޅުން އަންނަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭންވީ ސަބަބުތައް ވިދާޅުވެ ދެއްވަމުންނެވެ. އެގޮތުން ރައްޔިތުން ސަރުކާރު ހަވާލު ކުރުމުންވެސް ވެފައިވާ ވަޢުތައް ނުފުއްދޭ ވާހަކައާއި ސަރުކާރުގެ ތެރެއިން ބޮޑެތި ކޮރަޕްޝަންތައް ހިންގާ ކަމުގެ ތުހުމަތު ތަކާއި ގައުމުގެ އިޤުތިޞާދު ފުނޑުފުނޑުވެ ރައްޔިތުން ހާލުގައި ޖެހުނީ ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުގެ ނާގާބިލުކަން ރައްޔިތުންނަށް ބުނެދީ އިދިކޮޅުން ނެރޭ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ސަބަބުތައް ހާމަކުރަމުންނެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ކޮވިޑްގެ ސަބަބުން ފަސްކުރެވިފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބު މިބޭއްވެނީ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚު ފަހަނައަޅާ ގޮސް އަހަރެއްހާ ދުވަސް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން