މާލޭގައި ތަރުކާރީއާއި މޭވާފަދަތަކެތި ވިއްކާ މާރުކޭޓްތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސިލްސިލާކޮށް ކުރިއަށްގެންދާ މި އިންސްޕެކްޝަނަކީ މޭވާއާއި ތަރުކާރީ ވިއްކާ މާރުކޭޓްފަދަ ތަންތަން ހިންގަމުން ދަނީ ޤަވާއިދުގެ ތެރެއިންތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަނެއް ކަމަށެވެ. މި އިންސްޕެކްޝަންގެ ތެރެއިން ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ތަންތަން އިންސްޕެކްޓް ކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހަދާފައިވާ ޤަވާއިދުތަކުގެ ދަށުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ތަންތަނުގައި ވަކި ޝަރުތަކެއް ފުރިހަމަވާންޖެހެއެވެ.

އެ ޝަރުތުތަކަކީ؛



* ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ނަން ބޭރަށް ފެންނާނެހެން އިމާރާތުގައި ހަރުކޮށްފައި ހުރުން.

* ވިޔަފާރިކުރާ ތަނަށް ވަކިން ވަދެވޭނެ ދޮރެއް ނުވަތަ މުދާ ދޫކުރެވޭނެ ކައުންޓަރެއް ބަންދުކުރެވޭނެ ގޮތަށް ހަދައިފައިހުރުން.

* ވިޔަފާރިކުރާ ތަނުގައި އެއަރ ކޮންޑިޝަން ހަރުކޮށްފައި ހުރުން، ނުވަތަ ވައި ދައުރުވާނެ ގޮތަކަށް ވެންޓިލޭޓްކޮށްފައި ހުރުން.

* އެކި ބާވަތްތަކުގެ މުދާ ވަކިވަކިން ތަރުތީބު ކުރެވޭނެ ގޮތަށް ޖާގަ ހަދައިފައި ހުރުން.

* މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުރުން.

* މީހުން ވަދެ ވިޔަފާރި ކުރެވޭގޮތަށް ހުރި ތަނެއް ނަމަ ޓައިލްސް ޖަހާފައި ނުވަތަ ތަޅުން އަޅައިފައި ހުރުން.

* ވިޔަފާރިކުރާ ތަނަށް ވަންނަ ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރެވޭގޮތަށް ފަރުމާކޮށްފައި ހުރި ތަނަކަށްނުވުން.

* މެހިފަދަ ތަކެއްޗަށް ނުވަދެވޭގޮތަށް ތަން ފަރުމާކޮށްފައިހުރުން.

* ވިޔަފާރިކުރާ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓާފައި ނެތުން.

* ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަތް ދޮވެ ސާފުކުރެވޭ ގޮތަށް ހުރުން.

މި އިންސްޕެކްޝަންގެ ތެރެއިން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީން ހަރަކާތްތެރިވަނީ ޤަވާއިދުގެ ތެރެއިންތޯވެސް ބަލަމުންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ތަރުކާރީއާއި މޭފަދަ ބާވަތްތައް ވިކުމުގައި އަމަލުކުރާނެ އުސޫލުތަކެއް އިކޮނަމިކް މިނިސްޓްރީން ކަނޑައަޅާފައި ވީ ނަމަވެސް މާލޭގައި ތަރުކާރީއާއި މޭވާ ވިއްކުމުގައި އެއުސޫލުތަކާއި ޚިލާފަށް ދިވެހީންގެ ނަމުގައި ބިދޭސީން ކުދިކުދި ތަންތަން ކޮޅުގައި އެވިޔާފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިމައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް ފިޔަވަޅު ނޭޅޭތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން