ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދަނީ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމުގެ މަޤްޞަދުގައިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ޤާނޫނާއި ޚިލާފަށްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ނުލިބުމާއި، ވޯޓާސް ލިސްޓާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ގިނައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ އިންތިޚާބު ބާއްވަނީ ޚާއްސަ ހާލަތެއްގެ ދަށުންކަން ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާކަމަށެވެ. އަދި މިހާލަތުގައިވެސް ކެންޑިޑޭޓުންނާއި، ޕާޓީތަކަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮތްއިރު، އިންތިޚާބާ ގުޅޭގޮތުން ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބާއިމެދު ސުވާލު އުފައްދައި އިންތިޚާބު އިންސާފުވެރި ނުވާނޭކަމަށް ބަޔަކު ބުނަމުންދަނީ ރައްޔިތުންގެ މެދުގައި ނުތަނަސްކަން އިތުރުކުރުމަށްކަމަށެވެ. ޝަރީފް ވިދާޅުވީ ޚާއްސަ އުސޫލުތަކެއްގެ ދަށުން އިންތިޚާބު އޮތަސް، އިލެކްޝަނުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރާނެކަމަށެވެ.

އަންނަމަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނައިރު، 3934 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން