ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫން
ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫން
އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕިއެމަށް ކާމިޔާބު ކުރެވިއްޖެނަމަ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބުދު ﷲ ޔާމިން އަށް ލުއި ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި "މަގޭ ރާއްޖެ" ނަމުގައި ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގައި ހިމެނިގެން ބޭއްވި ކެމްޕޭން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން ވިދާޅުވީ، ރައްޔިތުން ތިބީ ސަރުކާރާއެކު ނޫންކަން ބޭރު ދުނިޔެއަށް ހާމަކޮށްދެވޭނީ ކައުންސިލް އިންތިޚާބު ޕީޕިއެމަށް ކާމިޔާބު ކުރެވިގެން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓްލީ ނިސްބަތުން މަދު ބަޔެއް ކަމަށާއި، އެހެން ނަމަވެސް އެޕާޓީން ބޭރު ދުނިޔެއަށް ދައްކަނީ މުޅިން އެހެން މަންޒަރެއް ކަމަށް ޣައްސާނު ވިދާޅުވިއެވެ.

"މިސަރުކާރަކީ ދިވެހި ރައްޔިތުން ބޭނުންގޮތަށް ހިންގާވަރަށްވުރެ ބޭރުގެ މީހުން ބުނާގޮތަށް ހިންގާ ސަރުކާރެކޭ ވަރަށް ގިނަ މީހުން އެބަކިޔާ، އެފަރާތްތަކަށް ވެސް ދިވެހި ރައްޔިތުން ތިބީ މި ސަރުކާރާއެކު ނޫންކަން އެގޭނީ މި އިންތިޚާބު ޕީޕީއެމަށް ކާމިޔާބުކުރެވިގެން އެ ރޮނގުން ރައީސް ޔާމިނަޡް ލުއި ލިބުމަށް މަގުފަހިވެދާނެ" ޣައްސާނު ވިދާޅުވިއެވެ.



މީގެ އިތުރުން ޣައްސާނު ވިދާޅުވީ އެމްޑީޕީ އަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިއްޖެނަމަ ގައުމު އަތުނުވާނެ ކަމަށެވެ. ޣައްސާން ވަނީ ޕީޕިއެމްގެ ކައުންސިލަރުންނަށް ވޯޓް ދޭންޖެހޭ ސަބަބުތަށް ހާމަކުރައްވާފައެވެ.

"ޕީޕިއެމަށް ވޯޓް ދޭންޖެހެނީ ގައުމުގެ މިސްރާބު އަނެއްކާވެސް ތަރައްގީގެ ފިކުރަށް އަނބުރާލަން، އިސްލާމްދީން ހިމާޔަތްކޮށް އިންސާފު ހަމަހަމަކޮށް ގާއިމްކުރަން، ޕީޕިއެމަށް ވޯޓް ދޭންޖެހެނީ ރައްޔިތުންގެ ޖީބުތަށް ފުރިގެން ތިޔާގިވުމަށް ފުރުސަތު ފަހިކުރުމަށްޓަކައި ޕީޕިއެމަށް ވޯޓް ދޭންޖެހެނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، މިއީ މިކަހަލަ ކަމެއް ކުރަން މިތާރިޚުގައި ލިބޭނެ އެންމެ ފަހު ފުރުސަތު، މީގައި ބަލަންވީ މިބާރު އެމްޑީޕީއަށް ދީގެން މިގައުމު ދެން އަތެއް ނުވާނެ، އެހެންވީމަ ޕީޕީއެމަށް ވޯޓް ދޭންވީ." ޣައްސާން ވިދާޅުވިއެވެ.



ޕީޕިއެމްގެ ކައުންސިލަރުންނަކީ ރަށުގެ ތަރައްގީއަށް ހުރަސް އަޅާނެ ބަޔެއް ނޫން ކަމަށާއި، ތަރައްގީއަށް މަގުކޮށައިދޭ ބަޔަކަށް އެކައުންސިލަރުން ވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން