ބިލެތްފަހި ކައުންސިލުގެ ރައީސް އަބްދުﷲ ޒިޔާދު
ބިލެތްފަހި ކައުންސިލުގެ ރައީސް އަބްދުﷲ ޒިޔާދު
ކަރަންޓު ބިލުތަކަށް އިހުމާލުވެގެން ބިލެތްފަހި ކައުންސިލުގެ ރައީސް އަބްދުﷲ ޒިޔާދު މަޤާމުން ސަސްޕެންޑްކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސޮއިކުރަށްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބިލެތްފަހި ކައުންސިލުގެ ރައީސް ޢަބްދުﷲ ޒިޔާދުގެ އިހުމާލުން ށ. ބިލެތްފަހި ކައުންސިލުގެ އިދާރާއާއި އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި މަގުބައްތިތަކުގެ ކަރަންޓު ބިލުތައް ގިނަދުވަސްތަކެއް ވަންދެން ނުދައްކައި ހުރި ކަމަށެވެ. މީގެސަބަބުން އެތަންތަނުން ކަރަންޓުގެ ޚިދުމަތް ކަނޑާލުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ށ. ބިލެތްފަހި ކައުންސިލަށް ނޯޓިސް ދީފައިވާކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން، އެ އޮތޯރިޓީން ބަލަމުންދާ މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން، ބިލެތްފަހި ކައުންސިލުގެ ރައީސް ޢަބްދުﷲ ޒިޔާދު މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް އެލްޖީއޭގެ ބޯޑުން ފާސްކޮށްފައިވާކަމަށްވެސް ސިޓީގައިވެއެވެ.

އެލްޖީއޭގެ ސިޓީގައި "މިއަދުން ފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން، ނ. ބިލެތްފަހި ކައުންސިލުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން، ބިލެތްފަހި ކައުންސިލުގެ ރައީސް ޢަބްދުﷲ ޒިޔާދު ދުރުކުރެވިފައިވާތީ، އެ މުއްދަތުގައި، ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުނުވުމަށާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަޞީލަތްތައް ބޭނުންނުކުރުމަށާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްޘީލު ނުކުރުމަށް" ވެސް ވަނީ އަންގާފައެވެ. އަދި ޢަބްދުﷲ ޒިޔާދުގެ ޙަވާލުގައި ކައުންސިލުގެ އެއްވެސް މުދަލެއް ނުވަތަ ލިޔެކިޔުމެއް ވާނަމަ މިއަދު މެންދުރު 2:00ގެ ކުރިން އެ މުދަލެއް ނުވަތަ ލިޔެކިޔުމެއް ބިލެތްފަހި ކައުންސިލުގެ އިދާރާއާ ޙަވާލުކުރެއްވުމަށްވެސް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން