ދިވެހިރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނު އަވަސްކުރުމަށް އެ އިމްތިހާނު ކުރިއަށް ގެންދާ އެޑެކްސެލް އިން ނިންމުމާއި ގުޅިގެން އެކަން އިނގިރޭސިވިލާތުގެ އެގްޒަމިނޭޝަން ރެގިއުލޭޓަރީ ބޮޑީއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ދިވެހިރާއްޖޭގެ ފަރާތުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

އެޑެކްސެލްގެ މައްސަލަ އިނގިރޭސިވިލާތުގެ "އޮފީސް އޮފް ކޮލިފިކޭޝަން އެންޑް އެގްޒަމިނޭޝަންސް ރެގިއުލޭޝަން" (އޮފްކޮލް) އަށް ހުށަހަޅާނެކަމަށް ވިދާޅުވެ ޑރ. ފަރަހަނާޒް ވަނީ ޓްވީޓެއް ކުރައްވާފައެވެ.



އޮކްޓޯބަރު އަދި ނޮވެމްބަރުގައި ފުރަތަމަ ފަހަރަށް އިމްތިހާނު ހަދާ ގްރޭޑް 12 ގެ ދަރިވަރުންނަށް ގަދަ 10 އަކަށް އެރޭނެ ކަން އިއުލާންކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓަކާއި ގުޅިގެން ޓްވީޓް ކުރައްވަމުން ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ، އެޑެކްސެލްގެ މި ނިންމުމާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، ކަމާބެހޭ އިދާރާތަކާއި ވާހަކަދެއްކުމެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ބޮޑު ގެއްލުމެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނު މިއަހަރު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މެއި/ ޖޫން ގައި ނަމަވެސް، މިނިސްޓްރީގެ ބަހެއް ހޯދުމަކާއި ނުލައި އެޑެކްސެލް އިން ވަނީ އިމްތިހާނު އޭޕްރީލް 26 ވަނަ ދުވަހު ރާއްޖޭގައި ފަށާނެ ކަމަށް ބުނެފައެވެ.

މިކަމުގެ ސަބަބުން ގިނަ ދަރިވަރުންނަށް ގެއްލުންތަކެއް ވާނެކަމަށް ބުނެ ދަރިވަރުންނާއި ބެލެނިވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެފަހުން މިނިސްޓްރީން ވަނީ މި އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބޭނެ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން